ބޮލީވުޑް ސުޕަސްޓާ ޝާހުރުކްޚާންގެ އަމިއްލަ ގެ 'މަންނަތު' އަކީ އޭނާގެ ފޭނުންނަށް ވެސް ވަރަށް ހާއްސަ ތަނެކެވެ. އެކި ހާއްސަ ދުވަސްތަކާ ގުޅުވައި އެ ގޭގެ ބެލްކަނިން ބޭރަށް ޝާހު ނިކުންނަ މަންޒަރު ބަލަން އެތައް ހާސް ބަޔަކު ކޮންމެ ފަހަރަކު އެއްވެއެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި މަންނަތުގެ ބޭރު ގޭޓުގައި މިހާރު ވަނީ 'މަންނަތު' ނަން ޖަހާފައެވެ. އަދި ވަށައިގެން އަލިމަހުން ޖަރީކޮށް ވިދުވާފައެވެ. މި މަންޒަރު ފެންނަ ވީޑިއޯ އެއް ޝާހުގެ ފޭން ޕޭޖަކުން ހިއްސާކޮށްފައިވާއިރު ގޭޓުގެ ދެ ފަރާތުންވެސް ވިދާފައި ހުންނަ މަންޒަރު ސާފުކޮށްފެނެއެވެ. އަދި، އޭނާގެ ފޭނުން ދަނީ އެ ޕޯސްޓު ޝެއާކޮށް ހަދަމުންނެވެ.

މި ގެއަކީ 200 ކްރޯރަށް ޝާހު ގަނެފައިވާ ލަގްޒަރީ ގެއެކެވެ. ފަސް ބެޑްރޫމާއި އޮފީހަކާއި ޕްރައިވެޓް ތިއޭޓަރެއްގެ އިތުރުން، ޖިމް އަކާއި ލައިބްރަރީއެއް މަންނަތުގައި ހުންނަ ކަމަށްވެއެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މި ގެ ކައިރީ އަބަދުވެސް ޝާހުގެ ފޭނުންނާއި ޓޫރިސްޓުން ތިބެއެވެ. އަދި މިއީ ދުނިޔޭގެ ސެލެބްރިޓީންގެ އައިކޮނިކް ގެ ތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ ގެތަކުން އެއް ގެ ކަމަށް އެކި ފަހަރު މަތިން ވަނީ ރިޕޯޓުކޮށްފައެވެ.

ޝާހުގެ އާ ފިލްމުތަކުގެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު، 'ޕަޓާން' އަންނަ އަހަރު ޖެނުއަރީގައި ރިލީޒްކުރާނެއެވެ. އަދި، އަހަރުގެ މެދުތެރެއިން 'ޖަވާން' އަދި އަހަރުގެ ފަހުކޮޅު 'ޑަންކީ' ރިލީޒްކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރަކީ ޝާހުގެ އަހަރު ކަމަށް ގިނަ ބަޔަކު ބުނެއެވެ.