08 Apr 2012, 00:27
ރާއްޖޭގެ ސިޔާސީ މަޝްރަހު ފިނުކުރުމުގެ ގޮތުން ސިޔާސީ ޕާޓީތައް ބައިވެރިވާ ވާހަކަތައް މެދުކެނޑިފައި އޮތުމަށް ފަހު ބެލްޖިއަމްގެ މީޑިއޭޝަން އެކްސްޕާޓަކާއެކު މިރޭ އަލުން ވާހަކަތައް ފަށައިގެން ވެސް އޮށްޓަރެއް ފައިދާ ނުވެ ނިންމާލައިފި އެވެ. ވާހަކަތައް ނިންމާލީ އަނެއްކާވެސް ޕާޓީތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާގެ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ނަންގަވާ ޗުއްޓީއަކަށް ފުރުސަތު ދެމުންނެވެ.
އޮށްޓަރެއް ފައިދާ ނުވެ ވާހަކަތަކަށް ދެ މަސް ވެފައިވާއިރު މިރޭގެ ބައްދަލުވުމަށްފަހު މުޖުތަބާ ވިދާޅުވީ އަދި ވެސް އުންމީދު ކަނޑާ ނުލައްވާ ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި މުޖުތަބާއަށް ލަފާ އަރުވާ މީޑިއޭޝަން އެކްސްޕާޓް ބެލްޖިއަމްގެ ޕިއޭ އިވް މޮނެޓް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ޕިއޭ އީވް މޮނެޓަކީ ޔޫއެންޑީޕީން މިޑިއޭޝަންގެ ތަޖުރިބާ ހުރި ބޭފުޅެއްގެ ގޮތުގައި މުޖުތަބާއަށް ލަފާ އަރުވަން ފޮނުއްވެވި ބޭފުޅެކެވެ. މުޖުތަބާގެ އެދިވަޑައިގަތުމަކަށެވެ. އޮމްބަޑްސްމަނެއްގެ އިތުރުން ފޮތްތައް ލިޔުއްވާފައިވާ އަދި ބެލްޖިއަމްގެ ރަސްގެފާނުގެ ކައުންސިލެއްގައި މަސައްކަތް ކުރައްވާފައިވާ މޮނެޓްގެ ދައުރަކީ މުޖުތަބާއަށް އެހީތެރިވެ ދެއްވުމެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ހައްލު އަންނާނެ ކަމަށް ވާހަކަ ދައްކަން އަންނަންޏާ. އެއްގޮތަކަށް ވެސް ކޮން ތާރީހެއްގައި ކަމެއް ނޭނގެ ނަތީޖާ ނުކުންނާނީ. އަޅުގަނޑު އަދި އުންމީދު ނަގައެއް ނުލަން. މިހާ ބޮޑު ޕޮލަރައިޒޭޝަނެއް އޮންނައިރު ބަލައިގެން ނުވާނެ ކުއްލިއަކަށް ނަތީ ނުކުންނާނެ ކަމަކަށް ވެސް،" މުޖުތަބާ ވިދާޅުވި އެވެ.
އެމްޑީޕީން މިރޭ މަޝްވަރާތަކަށް ވަޑައިގަތީ އެހެންޏާ ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިބްރާހިމް ހުސައިން ޒަކީގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފެވެ. އެ ދެބޭފުޅުން ވަޑައިގަތީ އިބޫ އާއި އިބްރާހިމް ހުސައިން ޒަކީއަށް މިރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވެން ނެތިގެނެވެ.
މުޖުތަބާ ވިދާޅުވީ ވެލާނާގޭގައި މިރޭ 8:30 ގައި ޕާޓީތައް ބައްދަލުުވެ މަސައްކަތް ކުރީ ކުރިން ވެސް މަސައްކަތް ކުރި ގޮތަށް އެޖެންޑާ ތަރުތީބު ކުރަން ކަމަށާއި އެހެން ނަމަވެސް ވަގުތުކޮޅުގެ ތެރޭގައި އެކަން ކުރެވޭވަރު ނުވި ކަމަށާއި އެކަން ނުވީ އެކިބޭފުޅުންގެ ހިޔާލުތައް ތަފާތު ވެގެން ކަމަށެވ
"ކުރިން ވެސް އެމްޑީޕީން ބޭނުންވީ އިލެކްޝަނެއްގެ ޑޭޓް. އެހެން ބޭފުޅުން ވިދާޅުވަނީ އޭގެ ކުރިޔަށް ކުރަން ހުރި ކަންތައްތަކެއް އެބަހުއްޓޭ" މުޖުތަބާ ވިދާޅުވި އެވެ.
މިރޭގެ މަޝްވަރާތަކުގައި އެމްޑީޕީން ވަނީ އިތުރު ކަމެއް ވެސް ހުށަހަޅާފަ އެވެ. އެއީ މިހާރު ވާހަކަތަކުގައި ހިމެނޭ ޕާޓީތަކުގެ އިތުރުން ދެން ހުރި ޕާޓީތައް ވެސް މަޝްވަރާތަކުގައި ބައިވެރި ކުރުމަށެވެ. ނަމަވެސް މުޖުތަބާ ވިދާޅުވީ އެކަމަށް ވެސް މިރޭ ގޮތެއް ނިންމިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުގެ މެންޑޭޓެއްގެ ގޮތުން އަޅުގަނޑު ޕާޓީތަކަށް ދައުވަތު ދިނީ އެހެންނަމަވެސަ ދެންތިބި ފުރަތަމަ ދައުވަތު ދިން އިރު ވެސް މިހާރު ދައުވަތު ދީފައިވާ ނުވަ ޕާޓީ ފިޔަވައި ދެން ހުރިޕާޓީތަކަކަށް ދައުވަތެއް ނުދެން. ބައެއ ފަރާތަތައް ސުވާލު ކުރިމާ އަޅުގަނޑު އޮންނާނެ ދަންނަވާފައު ފެބުރުއަރީ 7 ގެ ކުރިން ހަރަކާތްތެރިވި ޕާޓީތަކެއް ނޫނޭ އެއީއަކީ އަނެއްކާ މިހާރުގެ ސަރުކާގައި ވެސް ބައިވެރިވާ ޕާޓީތަކެއް ނޫނޭ. އެހެންވީމާ އަޅުގަނޑު ދައުވަތު އެރުވީ ކުރީގެ އެޑްމިނިސްޓްރޭޝަން ހިންގި އެމްޑީޕީ އާއި އޭގެ ކުރީގައި ހަރަކާތްތެރިވި އަށް ޕާޓީއަށް،" މުޖުތަބާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވީ މަޝްވަރާތައް ދިޔައީ ކަމެއް ކުރެވޭ ގޮތަށް ނޫން ކަމަށާއި އަދި މިހާރު ސިޔާސީ ހުރިހާ ޕާޓީއެއް މިކަމުގައި ބައިވެރި ކުރަން ޖެހޭނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.
"ބައެއް ޕާޓީތައް އެކަމާ ގަބޫލު ވެސް އަނެއް ބައި ފަރާތަތައް ބުނަނީ ފުރުސަތެއް ނުދެވޭނޭ އަޅުގަނޑުމެން މިބުނަނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ނިންމަން ޖެހޭ ކަންތައްތަކެއް އެބަހުއްޓޭ. އެހެންވިއްޔާ މަޖިލިސް ތަމްސީލު ނުކުރާ ޕާޓީތަކެއް ޓޯކްސް ތަމްސީލުކޮށްގެން ކޮން ކަމެއްހޭ ކުރެވޭނީ. ބުނާއިރަށް މިބުނަނީ ތިމަންނަމެނަކީ އެއްބައެކޭ. އަޅުގަނޑުމެން މިބުނަނީ އެހެންވިއްޔާ ތިކޮޅުން މީހަކާ އެމްޑީޕީން މީހަކާ އިށީނީމަ ނިމުނީ ނޫންހޭ؟ އެހެންވީމާ ކަމެއް ނިންމާކަށް ވާހަކައެއް ނުދައްކާ،" މޫސަ ވިދާޅުވި އެވެ.
މޫސަ އަދި ވިދާޅުވީ މިހާރު ވިލަރެސް ވެރިޔަކަށް މުޖުތަބާ ހުންނެވީ އިންޑިޔާ ހައިކޮމިޝަނުން އައްޔަން ކުރައްވައިގެންތޯ އާއި އެއީ އިންޑިޔާގެ މެންޑޭޓެއް އެކަމުގައި އޮވެގެންތޯ ސުވާލު ކުރާ ހިސާބަށް ގޮސްފައިވާ ކަމަށާއި މުޖުބަތާ ވިލަރެސް ވެރިޔަކަށް އައްޔަން ކުރީ އިންޑިޔާ ހައިކޮމިޝަނުން ކަމަށް މިރޭ ވިދާޅުވި ކަމަށެވެ. ނަމަވެސް މިރޭ މުޖުތަބާ ވިދާޅުވީ "އަޅުޚުގަނޑު ދެންނެވީ ސަރުކާރުން އަޅުަނޑުގެ ނަން އެމްޑީޕީއާ ހަމައަށް ދިޔައީ އިންޑިޔާ ހައިކޮމިޝަން ތެރެއިން ލާފައޭ" އެވެ.
މެދުކެނޑިދިޔަ ވާހަކަތައް ފެށުމާއެކު މާދަމާއިން ފެށިގެން އަނެއްކާ ވެސް މުޖުތަބާ ވަޑައިގަންނަވަނީ ޗުއްޓީއަކަށެވެ. ދެން ވަޑައިގަންނަވާނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭގަ އެވެ. އޭގެ ކުރި ވަކިވަކި ބޭފުޅުންނާ ބައްދަލުވުންތަކެއް ބާއްވާނަމަ ބާއްވާނީ މުޖުތަބާއަށްލަފާ އަރުވާ މިޑިއޭޝަން ތަޖުރިބާކާރެވެ. ނަމަވެސް އޭނާއަށް ވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
"ވަކިވަކި ބޭފުޅުންނާ ބައްދަލު ކުރައްވާނެ އޭނާއަލަށް ޖަލްސާއެއް ނުބޭއްވޭނެ. އަޅުގަނޑު މާދަމާ ރޭ ފުރާނަން. ވަހަކަތައް މެދު ކަނޑާލަން ޖެހެނީ އެހެންވެ. އެނގިވަޑައިގަންނަވާނެ ފެބުރުއަރީ ހަތެއް މިގޮތަށް އަންނާނެ ކަމަކަށް ނޫން އަޅުގަނޑުގެ ހަޔާތުގެ ކަންތައްތައް ރާވާފައި ހުރީއަކީ އަޅުގަނޑު އައިސް އނެއްކާވެސް ވާހަކަތައް ފަށާނެ،" އޭނާ ވިދާޅުވި އެވެ.
ރީކޯ މޫސާ މަނިކު ވިދާޅުވީ މުޖުތަބާގެ އިހުލާސްތެރި ކަމާއެ މެދު ޝައްކު ކުރައްވަނީ ނޫން ކަމަށާއި އެކަމަކު "މިއުޅެނީ މުޖުތަބާ ޗުއްޓީ ނަންގަވާވަރުން" ކަމަށެވެ.
މޫސައާއެކު ޓޯކްސް އަށް ވަޑައިގެންނެވި އަފީފް ވިދާޅުވީ ޓޯކްސް އަކީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ޖަހާފައިވާ މަޅިއެއް ކަމަށެވެ.
"އެއްވެސް އިހުލާސްތެރި ކަމެއް އޮވެގެން ކުރާ ކަމެއް ނޫން މިއީ ނޫނޭ. ބޭރުގެ ފަރާތްތަކަށް ދައްކަން ކުރާ ކަމެއް މިއީ،" އަފީފު ވިދާޅުވި އެވެ.