21 Nov 2022, 12:32
ހުޅުމާލޭގެ މަގުތަކަށް ބައެއް ބަދަލުތައް ގެންނަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެގޮތުން މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުން ބައިސްކަލް ދުއްވަން ޚާއްސަ ލޭނެއްވަނީ މަގުގައި ކުރަހައިފައެވެ. ބައިސަލް ދުއްވަން ހާއްސަ ޖާގައެއް ކަނޑައަޅައި އެ ލޭން ކުރަހާފައިވަނީ ނޫކުލައިންނެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ހުޅުމާލޭގެ އެހެން މަގުތަކުގައި ލޭންތައް ކުރެހުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ބޮޑެތި މަގުތަކުގައި ހަތަރު ލޭނަށް ދުއްވޭ ގޮތަށް އަންނަނީ ކުރަހަމުންނެވެ.

ހުޅުމާލޭގައި ބައިސްކަލް ލޭން ކުރަހާފައި-- ސަން ފޮޓޯ: މުޙައްމަދު ހައްޔާން
މި މަސައްކަތާ ގުޅުންހުރި މައުލޫމާތު ހިއްސާކުރައްވަމުން އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ޕީއާރް އަހްމަދު މިމްރާހު ވިދާޅުވީ ޕްލޭންތައް ފައިނަލްކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރުކުރަމުން އަންނަކަމަށެވެ.
"ހުޅުމާލޭގެ މަގުތަކުގައި މިހާރު މި ގެންނަ ބަދަލުތައް މި ހަފުތާ ތެރޭ އަޅުގަނޑުމެންނަށް، އެ ޕްލޭން ފައިނަލްކުރެވި ޑިޒައިނަށް ގެންނާނެ ބަދަލުތައް އެނގޭނެ،" މިމްރާހް ވިދާޅުވިއެވެ.
ބައިސްކަލް ލޭނެއް ކުރިން ހުޅުމާލޭ މަގުތަކުގައި ނުހުރެއެވެ. އެހެންނަމަވެސް ހުޅުމާލެ ފޭސް ދޭއް ގުޅުވައިލައި ބްރިޖުތަކުގައި ބައިސްކަލް ދުއްވަން ޚާއްސަ ލޭނެއް ހުރެއެވެ. ބެލެވޭ ގޮތުގައި މިހާރު ކުރަހައިފައިވާ ބައިސްކަލް ލޭން ގުޅޭނީ ބްރިޖުތަކުގައި ހުރި ބައިސްކަލް ލޭންތަކާއެވެ.
ބައިސްކަލަށް ޚާއްސަ ލޭނެއް ބޮޑު މަގުތަކުގައި ނެތުމަކީ ބައިސްކަލް ދުއްވާ ދިވެހީންގެ ޝަކުވާއެކެވެ. އެގޮތުން ސިނަމާލެ ބްރިޖުގައި ވެސް ބައިސްކަލް ލޭނެއް ނެތްކަމުގެ ޝަަކުވާ ވެސް ކުރިއެވެ.