21 Nov 2022, 09:33
ދާދިފަހުން ރިލީޒްވި ކާމިޔާބި ކޮމެޑީ ފިލްމު "ބޫލް ބުލައްޔާ 2"ގެ މޭސްތިރި އަނީސް ބަޒްމީއާއެކު މަސައްކަތްކުރުމުގެ ފުރުޞަތު އެކްޓަރު ޝާހިދު ކަޕޫރަށް ލިބިއްޖެއެވެ.
ޚަބަރު ލިބޭގޮތުގައި ޕްރޮޑިއުސަރު/ޑައިރެކްޓަރު އަނީސް ބަޒްމީ ތައްޔާރުވަމުން އަންނަނީ ވަރަށް ވަރުގަދަ ކޮމެޑީ ފިލްމެއް އުފެއްދުމަށެވެ. އަދި މިފިލްމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެތެރޭ ފެށުމަށް ނިންމާފައިވާކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ބޫލް ބުލައްޔާ2"ގެ އިތުރުން ހެއްވާ މަޖާ ފިލްމުތައް ކަމަށްވާ "ނޯ އެންޓްރީ"، "ވެލްކަމް" އަދި "ސިންގް އިޒް ކިންގް" އަކީ އަނީސް ބަޒްމީގެ މަޤުބޫލުކަން ބެލުންތެރިންގެ މެދުގައި އިތުރުވެގެންދިޔަ ފިލްމުތަކެކެވެ. އެކްޓަރު ޝާހިދު ކަޕޫރުގެ އިތުރުން ހިންދީ ސިނަމާގައި އަރަމުން އަންނަ ގިނަ ޒުވާން އެކްޓަރުންވަނީ އަނީސް ބަޒްމީއާއެކު މަސައްކަތްކޮށްލުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އެކްޓަރު ޝާހިދު ކަޕޫރުވަނީ އަނީސް ބަޒްމީގެ ފިލްމީ ދުނިޔެއަށް ވަދެވުނީތީ އެކަމާ ވަރަށް އުފާވާކަމަށްވެސް ބުނެފައެވެ. އެކްޓަރު ޝާހިދު ކަޕޫރާއެކު އަނީސް ފިލްމެއްގެ މަސައްކަތް ފަށާކަމުގެ ޚަބަރު ތިލަވެފައިވާއިރު އިތުރު އެހެން އޭ-ލިސްޓު އެކްޓަރަކާއެކު ސުޕަ ހީރޯ ކޮމެޑީއެއްގެ މަސައްކަތްވެސް ފެށުމަށް ޕްރޮޑިއުސަރު އަނީސް ވިސްނަމުން އަންނަކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
އެކްޓަރު ޝާހިދު ކަޕޫރުގެ ފިލްމީ މަސައްކަތްތައް މިވަގުތުހުރިގޮތުން އަނީސް ބަޒްމީއަށް ވަގުތު ހުސްކޮށްދެވެން އޮތީ މިވަގުތު މަސައްކަތްކުރަމުންދާ 2 ފިލްމެއް މަސައްކަތް ނިންމާލެވެމުންނެވެ. އެއީ ޕްރޮޑިއުސަރު ދިނޭޝް ވީޖަން އުފައްދާ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއްގެ އިތުރުން 2013ވަނަ އަހަރު ރިލީޒްވި މަޅަޔާލަމް ފިލްމު "މުމްބައީ ޕޮލިސް"ގެ ރިމޭކްއެކެވެ. އެކްޓަރު ޝާހިދު ކަޕޫރު އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު ރިލީޒްކުރި ފިލްމު"ޖާޒީ"އިންނެވެ. ބަތަލާ ،މްރޫނަލް ތާކުރްއާއެކު ފެނިގެންދިޔަ މިފިލްމަކީ، 2019ވަނަ އަހަރު މިނަމުގައި ރިލީޒްވި ފިލްމް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.