21 Nov 2022, 09:29
ޕްރޮޑިއުސަރު އަނޫރާގު ބާސޫ 2007ވަނަ އަހަރު ގެނެސްދިން ރީތި ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ އާ ބައެއް ގެނެސްދޭން ނިންމާފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. މީގެ 15 އަހަރުކުރިން ބޮޑު ކާސްޓެއް ހިމަނައިގެން އުފެއްދި މިފިލްމަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަޤުބޫލުވި ފިލްމެކެވެ.
ފިލްމުގެ ވާހަކައިގެ އިތުރުން ފިލްމުގެ މިއުޒިކަށްވެސް ބެލުންތެރިންގެ ތަރުޙީބު ލިބިގެންދިޔައެވެ. ޚަބަރު ލިބޭގޮތުން "ލައިފް އިން އަ މެޓްރޯ"ގެ އާބައިން ފެނިގެންދާނެ އެއް އެކްޓަރަކީ، ޢަލީ ފަޒަލްއެވެ. ޢަލީ ފަޒަލް ފިލްމުގެ މައި ރޯލްއިން ފެނިގެންދާއިރު މިފިލްމުގެ މަސައްކަތް އަންނަ މަހުތެރޭ ފެށުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.
ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނާބެހޭ މަޢުލޫމާތުގެ އިތުރުން މި ފިލްމާ ބެހޭ އެއްވެސް ރަސްމީ މަޢުލޫމާތެއް މިހާތަނަށް އަނޫރާގްގެ ފަރާތުން މީޑިއާތަކަށްވަނީ ނުލިބިފައެވެ.
ޕްރޮޑިއުސަރު އަނޫރާގް ބާސޫގެ ފަރާތުން މީޑިއާތަކަށް ނުރަސްމީ ފަރާތުން ހާމަކޮށްދިން ގޮތުގައި މިފިލްމުގެ މަސައްކަތް ފެށުމަށް ވަރަށްކުރީއްސުރެން ވެސް އަނޫރާގް ވަނީ ރާވާފައެވެ. އެހެންނަމަވެސް ކޮވިޑް-19އިގެ ބަލިމަޑުކަމާއެކު ފިލްމުގެ މަސައްކަތް ރޭވުން މާބޮޑަށް ވެސް ވަނީ ލަސްވެފައެވެ. މީގެއިތުރުން ޢަލީ ފަޒަލްއާއެކު ފިލްމުގައި ފެނިގެންދާނެ އިތުރު ތަރިން ހޯދުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިޔަށްދާކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
އެމެރިކަން ކޮމެޑީ ޑްރާމާ "ދަ އެޕާޓްމަންޓް" އަސްލަކަށް ބަލައިގެން 2007ވަނަ އަހަރު ގެނެސްދިން މިފިލްމުން އޭރު ފެނިގެންދިޔަ މުހިއްމު ތަރިންގެތެރޭގައި، ބަތަލާ ޝިލްޕާ ޝެޓީ، ކަންގްނާ ރަނާވަތް، ކޮންކަނާ ސެން ޝަރްމާ، އެކްޓަރު އިރްފާނު ޚާން، ޝައިނީ އަހޫޖާ، ޝަރްމަން ޖޯޝީ އަދި ދަރްމެންދްރަ ހިމެނެއެވެ.
މިއުޒިކް ކޮމްޕޯސާ އަދި ލަވަކިޔުންތެރިޔާ ޕްރީތަމްގެ ހިތްގައިމު މިއުޒިކްއާއެކުވެފައިވާ މި ފިލްމަކީ ކުޑަ ބަޖެޓަކުން އުފެއްދި ނަމަވެސް ވިޔަފާރީގެގޮތުން އޭރު ބޮޑު ކާމިޔާބީއެއް ޙާޞިލުކުރި ފިލްމެކެވެ.