21 Nov 2022, 00:54
މިރޭ ފެށި ކުޅިވަރިގެ އެންމެ ބޮޑު ޢީދު، ފީފާ ވޯލްޑްކަޕް 2022 ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިއިރު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ މަޝްހޫރު އެކްޓަރު މޯގަން ފްރީމަން ދެއްކި ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
މިރޭ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމުގައި ބޭއްވި ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯގަން ވަނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކައިފައެވެ. އެގޮތުން މޯގަން ބުނީ އިންސާނުން އެކުވެރިކުރާ އަދި އެއްބައިވަންތަކަމާއެކު ދެމިތިބުމުގެ ސަބަބުތައް، މީހުން ބައިބައިކޮށް އެކަހެރިކުރުވާ ސަބަބުތަކަށް ވުރެ ވަރުގަދަކަމަށެވެ. އަދި އޭނާ ވަނީ އެ ސަބަބުތައް އަބަދަށް ދަމަހައްޓާނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ.
މީގެ އިތުރުން ވޯލްޑްކަޕް ފެށުމުގެ ރަސްމިއްޔާތު ކީރިތި ޤުރުއާނުގެ ބަރާކަތުން ފެށުމުން ގިނަ ބަޔަކު ވަނީ އެކަމަށް ތަޢުރީފު ކޮށްފައެވެ.
މީގެ ކުރިން މިހާ ބޮޑު މުބާރާތެއް ފެށުމުގެ ކުރިން ޤުރުއާން ކިޔަވައިފައެއް ނުވެއެވެ.
ޤުރުއާން ކިޔެވީ، ނުކުޅެދުންތެރިކަން ހުންނަ ރައްޔިތެެއްކަމަށްވާ ޣާނިމް އަލް މުފްތާޙް އެވެ. އޭނާ ކިޔަވައިފައިވަނީ އަލް ޙުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތެވެ.
މި އަހަރުގެ ވޯލްޑްކަޕުން އިސްލާމީ ސިފަތައް ދައްކުވައިދޭތީ ހުޅަނގުގެ ގައުމުތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ދި ގާޑިއަން ފަދަ ބޮޑެތި ނޫސްތަކުން ވަނީ ފާޑުކިޔައިފައެވެ.

ފީފާ ވޯލްޑްކަޕް 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި ގަތަރުގެ އަމީރު ޝައިޙް ތަމީމް ވާހަކަ ދައްކަވަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް
އެ ރަސްމިއްޔާތުގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީ އަރަބި ބަހުން ވާހަކަދެއްކެވުމުން އޭނާއަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
ޝައިޚް ތަމީމް އަރަބި ބަހުން ވިދާޅުވީ ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުން، ބައިބައިވުން އެއް ފަރާތް ކުރުމުގެ ރީތި ނަމޫނާ ފެނިއްޖެކަމަށެވެ.
އޭނާ ވިދާޅުވީ އެ ގައުމުން ވޯލްޑްކަޕް ނިންމާލާނީ އެހެން ގައުމުތަކާ ގުޅިގެންކަމަށެވެ. އަދި އެކަކު އަނެކެއްގެ ސަގާފަތާއި އާދަކާދައަށް ވެސް ފުރިހަމައަށް އިޙުތިރާމް ކުރާނެކަމަށް ޝައިޚް ތަމީމް ވިދާޅުވިއެވެ.
ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ގަތަރުގެ ހަނަފަސް ސަހަރާތަކައި، އެ ސަހަރާތަކުގެ ދިރުން ކަމުގައިވާ ޖަމަލާއި، ސަހަރާތަކުގައި ބޭނުންކުރާ އުޅަނދުތައް ވަނީ ރޯލް ޕްލޭއްގެ ގޮތުގައި ދައްކުވައިދީފައެވެ. އަދި އެ ގައުމުގެ މަޝްހޫރު ބޮޑު މަސް މޫސުމުގެ ކަންކަން ވެސް ވަނީ ދައްކުވައިދީފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ބޭނުންކުރާ މެސްކޮޓް "ލަޢީބް" ވެސް އެ ރަސްމިއްޔާތުގައި ވަނީ ދާއްކާލައިފައެވެ. އެ ރަސްމިއްޔާތު ނިންމާލުމުގެ ކުރިން، ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަންކުކް ވަނީ މުބާރާތުގެ ރަސްމީ ލަވަ "ޑްރީމާސް" އަޑުއިއްވާލާފައެވެ.