ލ. ފޮނަދޫގެ ހުޅަނގު ފަރާތަށް މިއަދު ނަގޫރޯޅިއެއް އެރި މަންޒަރު ފެނުނު އެ ރަށު 18 އަހަރުގެ އަންހެން ކުއްޖެއް ހާސްވެ، އަކުނިވަޔަށް ދަމައިގެންފި އެވެ.

ނަގޫރޯޅި އެރި މަންޒަރު ދުށް އެ ރަށު، އަބްދުﷲ ޝަރީފް ބުނީ މިއަދުގެ އެ ހާދިސާއާ ގުޅިގެން ހާސްވެ، އަކުނިވަޔަށް ދަމައިގަނެގެން ފޮނަދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ، އެ ރަށު ގުލްދަމުގޭ އާމިނަތު އަޒުހުދާ،18، ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޝަރީފް ބުނީ ނަގޫރޯޅި އެރި ވަގުތު އަޒުހުދާ ހުރީ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ކުދިންގެ ހައުސް ވޮލީ ޓީމުގައި ކުޅެން ކަމަށާއި ނަގޫރޯޅި ފުރަތަމަ ފެނުނީ ވޮލީ މެޗުގެ ރެފްރީ ކަމަށެވެ. އަދި އެވަގުތު އަޒުހުދާއަށް ވެސް އެ ނަގޫރޯޅި ފެނުމާ އެކު ބިރުގޮސް ހާސްވެ، އަކުނިވަޔަށް ދަމައިގަތީ ކަމަށެވެ.

ޝަރީފު ބުނީ އެއީ ވަރަށް ބިޔަ ނަގޫރޯޅިއެއް ކަމަށާއި އެ ނަގޫރޯޅި ރަށާއި 100 ފޫޓަށް ގާތްވި ކަމަށެވެ. ނަމަވެސް ނަގޫރޯޅި ސީދާ ރަށަށް ނާރާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ވޮލީ ކުޅޭތަނުގައި ހުރެފައި އަތިރިއަށް ދިޔަ އިރު ފަޅުތެރޭގެ ލޮނުގަނޑު އޮތީ އޮޅާލާފައި. އަދި ހަމަ ހިނދުކޮޅެއްގެ ތެރޭގައި އެ ނަގޫރޯޅި ރަށާއި ކައިރިވާން ފެށީމާ ގޭކައިރިއަށް ދިޔައީ. އެއަށް ފަހު އަނެއްކާ ވެސް ދިޔައީ ސްކޫލާ ދިމާލަށް. އޭރު ސްކޫލް ކުދިންތައް ސްކޫލް ތެރެއަށް ވައްދައިފި. ސްކޫލަށް އެއްވެސް ގެއްލުމެއް ނުލިބޭ. ނަމަވެސް ވައިގަދަވެގެން ސްކޫލްގައި ހުރި ދިދަތައް އޮތީ ބިމަށް ވެއްޓިފައި. އޭރު ކުނިގަނޑުގެ ކުނިތައް ޖައްވުމުގެ ތެރެއަށް އަރައިގެން އެނބުރޭ. ރަށުގެ އަނެއް ފަރާތުގެ ގޮނޑުދޮށަށް ވެސް ކުނިތައް އޮތީ ވިއްސައިގެން ގޮސްފައި. ރަށުގެ ތެރެއަށް ވެސް ކޮންމެ ވެސް ވަރަކަށް ކުނިތައް އެރި،" ޝަރީފް އޭނާ ދުށް މަންޒަރު ސިފަކޮށްދިނެވެ.

މޯލްޑިވްސް މީޓިއޮރޮލިކަލް ސާވިސްގެ އޮފިޝަލަކު މިރޭ ވިދާޅުވީ މިއަދު އިރުއޮއްސުނު ވަގުތު އެ ނަގޫރޯޅި ކައްދު އަށް ވެސް ފެނިފައިވާ ކަމަށާއި ނަމަވެސް އޭތި ކައިރިވީ ފޮނަދުއާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް މިފަދަ ނަގޫރޯޅިއެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް އާއްމު ގޮތެއްގައި ނަގޫރޯޅި އުފެދެނީ މޫސުން ގޯސްވެ ނުވަތަ މޫސުން ބަދަލުވާ ދުވަސްވަރު ކަމަށެވެ.

"ނަގޫރޯޅި ހަމަ ފެނިދާނެ އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް. އާއްމުކޮށް ފެންނަނީ މޫސުން ބަދަލުވެ ނުވަތަ ގޯސްވާތީ." އޮފިޝަލް ވިދާޅުވި އެވެ.