އެޕަލް ވޮޗްގެ އީސީޖީ ފީޗާއިން ހިތުގެ މައްސަލަ ދެނެގަތުމަށް އެހީތެރިވެދޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ނޭޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި އެމެރިކާގެ 46 ސްޓޭޓަކާއި 11 ގައުމަކުން 2،454 ވޮލަންޓިއަރުންގެ ތަޖުރިބާ ހިމަނާފައިވެއެވެ. ދިރާސާގައި ބައިވެރިވި މީހުން ފޮނުވާފައިވަނީ އެމީހުންގެ އެޕަލް ވޮޗްއިން ފަސް މަސް ތެރޭގައި ނަގާފައިވާ އީސީޖީ ޑޭޓާއެވެ.

އެމެރިކާގެ އެކަޑަމިކް މެޑިކަލް ސެންޓަރު "މޭޔޯ ކްލިނިކް"ގެ ދިރާސާވެރިން ވަނީ ހިތުގެ ވިންދު އާދަޔާ ޚިލާފަށް ދަށްވުމުގެ މައްސަލަ އެޕަލް ވޮޗްއިން ދެނެގަނެވޭ ވަރު ބަލައިފައެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް ކަމަށް ލެފްޓް ވެންޓްރިކިއުލާ ޑިސްފަންޝަން ދެނެގަންނަން އެޕަލް ވޮޗްއިން އެހީތެރިވެދޭނެއެވެ.

ހިތުގެ މައްސަލަތަކުގެ އަލާމާތްތައް ގިނަ ފަހަރަށް ނުފެނުމުންނާއި ވާނުވާ ނޭނގުމުގެ ސަބަބުން ހިތުގެ ބަލިތައް ހުންނަ ގިނަ މީހުންނަށް އަވަސް ފަރުވާއަށް ނުދެވެއެވެ. ނަމަވެސް އެޕަލް ވޮޗް ފަދަ ޑިވައިސްއެއް މެދުވެރިކޮށް ވިޔަސް މައްސަލަ އަވަހަށް ދެނެގަނެ ފަރުވާ ހޯދުމަކީ ހިތުގެ ބަލިތައް ހުންނަ މީހުންގެ ބަލި އިތުރަށް ގޯސްވުމާއި ހާޓްއެޓޭކް ޖެހިގެން މަރުވާ ރޭޓް ދަށްކޮދޭނެ ކަމެކެވެ.

ހިތުގެ ބަލިތައް ދެނެގަތުމަކީ އާންމުކޮށް އަގުބޮޑު ކަމަކަށްވީ ނަމަވެސް އޭއައި މޮޑެލްތައް އުފެއްދުމާއެކު، ގޭގައި ސިއްހަތު މޮނިޓާކޮށްގެން ހިތުގެ ބަލިތައް އަވަހަށް ދެނެގަތުމުގެ ފުރުސަތު ލިބޭ ކަމަށް ދިރާސާގައިވެއެވެ. އެއާއެެކު، ފަރުވާ ބޭނުންވާ މީހުންނާއި ފަރުވާ ބޭނުން ނުވާ މީހުން ވަކިކުރަން ފަސޭހަވެ، ސިއްހީ ދާއިރާއިން އުފުލަން ޖެހޭ ބުރަވެސް ލުއިވެގެން ދާނެ ކަމަށް ދިރާސާގައިވެއެވެ.

ނޭޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބޭނުންކުރި ޑޭޓާ ޕްރޮސެސް ކުރީ ދިރާސާވެރިން އުފެއްދި އޭއައި އެލްގޮރިޒަމްއެއް މެދުވެރިކޮށެވެ.

މި ދިރާސާއިން ނިންމާފައި ވަނީ އެޕަލް ވޮޗްގެ ޑޭޓާތައް ފައިދާހުރި ގޮތެއްގައި ކްލަސިފައި ކުރުމަށް އޭއައި-އީސީޖީ މޮޑެލްއެއް ތައްޔާރު ކުރެވިދާނެ ކަމަށެވެ. އަދި ޑޭޓާ އެއްކުރުމަށް ފޯނު އެޕެއް ބޭނުންކުރުމަކީ ޑޭޓާ އިގުތިސާދު ކުރުމުގެ ގޮތުން ބެލިޔަސް ރަނގަޅު އަދި އަވަސް، އިތުބާރު ކުރެވޭ ގޮތެއް ކަމަށް ދިރާސާގައިވެއެވެ.

އެޕަލް ވޮޗް ސީރީޒް 4، ސީރީޒް 5، ސީރީޒް 6، ސީރީޒް 7، ސީރީޒް 8 އަދި އަލްޓްރާގައި ވެސް އިލެކްޓްރިކަލް ހާޓް ސެންސަރު ބޭނުންކޮށްގެން ހިތުގެ ތެޅުން އަދި ރިދަމް ރެކޯޑް ކުރެވޭ އީސީޖީ އެޕެއް ހުރެއެވެ. ނަމަވެސް އެ އެޕުން ހިތާ ގުޅުން ހުރި ހުރިހާ ހާލަތެއް ފާހަގަ ނުކުރެވޭނެ ކަމަށާއި އެގޮތުން ހާޓް އެޓޭކާއި ލޭ ގަނޑުވުމާއި ސްޓްރޯކް ޖެހުން ފަދަ ކަންތައްތައް ޔަގީން ނުކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.