20 Nov 2022, 22:16

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)ގެ އާ އެގްޒެކެޓިވް މެމްބަރުން ހޮވައިފިއެވެ. މިއީ މާޕް އިން ފުރަތަމަ ހޮވި އެކްސްކޯ އަށް ފަހު އެގްޒެކެޓިވް މެންބަރުން އާކުރި ފުރަތަމަ ފަހަރެވެ.

މާޕްގެ އެގްޒެކެޓިވް މެމްބަރުން ހޮވާފައި ވަނީ ރޭ އިއްޒުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ އެސޯސިއޭޝަންގެ ރައީސަކަށް ހޮވާފައި ވަނީ ނިމުނު ދައުރުގައި ނައިބު ރައީސަކަށް ހުންނެވި އަޙުމަދު އިބްރާހީމެވެ. އަދި، އެސޯސިއޭޝަންގެ ގްރޯތު އެންޑް އެފެއާޒް ނައިބު ރައީސަކަށް ހޮވާފައި ވަނީ ކުރީގެ ރައީސް ޙުސައިން އަފީފެވެ.

އަފީފް "ސަން"އަށް ވިދާޅުވީ، އާ އެގްޒެކެޓިވް ޓީމުގެ ދައުރުގައި ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މިދައުރުގައި, ރާއްޖޭގައި އަލަށް ނެޝަނަލް ހިއުމަން ރިސޯސް އެވޯޑެއް ދޭން ނިންމާފައިވާކަމަށް އަފީފް ވިދާޅުވިއެވެ.
"އަދި ހިއުމަން ރިސޯސް ޕްރޮފެޝަނަލުންނަށް ފެންނަ ވަކި ޚާއްސަ ދުވަހެއް ނެޝަނަލް ހިއުމަން ރިސޯސް ޑޭ އެއްގެ ގޮތުގައި ފާހަގަކުރާނަން،" އޭނަ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ، ގިނަ ބަޔަކާ ގުޅިގެން އެޗްްއާރުގައި މަސައްކަތްކުރާ މީހުންނަށް ކުރިއެރުން ހޯދައިދިނުމަށް އެ އެސޯސިއޭޝަނުން މަސައްކަތްކުރާނެކަމަށެވެ.
މިދިޔަ ދައުރުގައި މާޕްގެ ރައީސްކަން ކުރެއްވި އަފީފް ވިދާޅުވީ އެ ދައުރުގައި ވެސް މާޕްއިން ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. ނަމަވެސް މާޕް އަކީ 2018ގައި އަލަށް އުފެއްދި އެސޯސިއޭޝަނެއް ކަމުން އަދި ވެސް ގިނަ މަސައްކަތްތަކެއް ކުރަންހުރިކަމަށް އޭނާ ވިދާޅުވިއެވެ. ޢަފީފް ވަނީ ޖެހިޖެހިގެން ދެ ދައުރު މާޕްގެ ރައީސްކމުގައި ހުންނަވައި، އިންސާނީ ވަސީލަތާއި ހުނަރު ތަރައްޤީކުރުމަށް ގިނަގުނަ ޙަރަކާތްތަކެއް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިންގަވާފައެވެ.
"މާޕްގެ އެކްސްކޯއިންގެ ދައުރަކީ ދެ އަހަރު. ކުރިއަށް އޮތް ދެ އަހަރު ވެސް އަޅުގަނޑުމެން އިތުރު ގިނަ މަސައްކަތްތަކެއް ކުރާނަން ހިއުމަން ރިސޯސް ދާއިރާ ތަރައްގީކޮށް އެމީހުންނަށް އެހީތެރިވެދިނުމަށް،" އަފީފް ވިދާޅުވިއެވެ.
މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ޖަމުއިއްޔާއެވެ.
އެ ޖަމުއިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ތަފާތު ގޮތް ގޮތުން އެހީތެރިވެ، އެމީހުންނަށް ބޭނުންވާ އެންމެ ފަހުގެ މަޢުލޫމާތާއި ވަސީލަތްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާ ގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، މައުލޫމާތު ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.