ރައީސް ޑރ. މުހައްމަދު ވަހީދާއި އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ވެރިންގެ އިސްތިއުފާ އަށް ގޮވާލައި މާލޭގެ މަގުތަކުގައި މިއަދު ވެސް އެމްޑީޕީގެ މެންބަރުން ނިކުމެ ހިނގާލުމެއް ބާއްވައިފި އެވެ.

ދަރުބާރުގޭ ފުރަގަހުގައި އޮންނަ އުސް ފަސްގަޑުން މިއަދު ހަވީރު ފެށި މި ހިނގާލުން ނިންމާލީ މަޣުރިބް ނަމާދަށް ގޮވަން ކާރިވެފައިވަނިކޮށް، ސަލްޓަން ޕާކާއި އިސްލާމިކް މަރުކަޒާ ދެމެދު މަގުމަތީގައި ހުންނަ ޒުމްހޫރީ ބިނާ ކާރި އަށެވެ.

އެކިއެކި އުމުރު ފުރާތަކުގެ އަންހެނުންނާއި ފިރިހެނުން ބައިވެރިވި، ހިގާލުން ނިންމާލި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ވުޒާރާތަކުގައި ތިއްބެވި ބައެއް މިނިސްޓަރުން ވަނީ ބައިވެރި ވެފަ އެވެ. އެގޮތުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު އަދި ކުރީގެ ޑިފެންސް އެޑްވައިޒަރުގެ މަގާމު ފުރުއްވި އަމީން ފައިސަލް ބައިވެރިވެ ވަޑައިގަތެވެ.

އަދި މިއަދުގެ ހިގާލުން ނިންމާލިކަން އިއުލާން ކުރައްވަމުން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ، ރައްޔިތުންނަށް ކޮންމެހެން ލިބެން ޖެހޭ އިންސާފްތައް ނުލިބެނީސް، ފަށާފައި މިވާ މަސައްކަތް ނުވަތަ އިންސާފުގެ ދަތުރު ނިންމާ ނުލާނެ ކަމަށެވެ. އަދި މިއަދެކޭ އެއްގޮތައް މާދަމާ ވެސް އަދި މިރޭ ވެސް މަގުމައްޗަށް ނިކުންނާނެ ކަމަށެވެ.

މިއަދުގެ ހިގާލުން އެމްޑީޕީއާއި އެޕާޓީ އަށް ހެޔޮއެދޭ ބަޔަކުން ނިކުމެ، ޖުމުހޫރީ މާދާން ކާރިން އިރުއޮށެން އުޅެނިކޮށް ނިންމާލި އިރު، އިއްޔެ ވެސް އެމްޑީޕީން ވަނީ އެ ސަރަހައްދަށް އެއްވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އަދި އިއްޔެގެ ހިނގާލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ބައެއް މަޖިލީސް މެންބަރުން ބައިވެރިވި އެވެ.

މިއަދުގެ ހިނގާލުމުގައި އިއްްޔެ އަށް ވުރެ މީހުން މަދެވެ.