Last Updated: 3 year 7 day ago
Last Updated:
3 year 7 day ago
ވޯލްޑް ކަޕުގެ ފުރަތަމަ މެޗު: ގަތަރު 0 - 2 އެކުއެޑޯ
23:00
ގަތަރުގަ ކުޅޭ ފީފާ ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗު ނިމިއްޖެ. 0-2 އިން ގަތަރުގެ މައްޗަށް މެޗުގައި ކުރިހޯދީ އެކުއެޑޯއިން.
މެޗުގައި އެކުއެޑޯގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ވެލެންސިއާ.
މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.

90 ވަނަ މިނެޓު: އެކުއެޑޯއިން ދެ ބަދަލު ގެނެސްފި. ސެސެއިޑޯ އާއި އެސްޓްރާޑާގެ ބަދަލުގައި ފްރޭންކޯ އާއި ރޮޑްރިގޭޒް ކުޅެން ނުކުމެއްޖެ. އިތުރު ވަގުތުގެ ގޮތުގައި މިހާފުގައިވެސް ދެއްކީ ފަސް މިނެޓު.

86 ވަނަ މިނެޓު: ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ގަތަރު ޓީމުން ކުޅެންއެރި މުހައްމަދު މުންތާރީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފި. އެކުއެޑޯގެ ކީޕަރު ކުރިއަށް ޖެހިލައިގެން ހުރި ވަގުތެއްގައި މުންތާރީ ފޮނުވާލި މި ހަމަލާ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށް.
85 މިނެޓުގެ ކުޅުން ހަމަވެއްޖެ. ނަތީޖާ އަކީ 0-2. އެކުއެޑޯއިން ގޯލާ އަމާޒުކޮށް ތިން ހަމަލާ ފޮނުވާލިއިރު ގަތަރަށް އަދިވެސް ހަމަލާއެއް ގޯލާ އަމާޒުކުރެވިފައެއް ނުވޭ.
78 ވަނަ މިނެޓު: ގަތަރުގެ އަކްރަމް އަފީފަށް ރީނދޫ ކާޑެއް
77 ވަނަ މިނެޓު: އެކުއެޑޯއިން އެޓީމަށް ދެލަނޑު ޖަހައިދިން ވެލެންސިއާގެ ބަދަލުގައި ހޯސޭ ސިފުއެންޓޭސް ކުޅެން އަރުވައިފި. ވެލެންސިއާ ބަދަލު ކޮށްފައިވަނީ އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން.

71 ވަނަ މިނެޓު: ގަތަރުން ދެ ބަދަލު ގެނެސް، ކެޕްޓަން އަލްހައިދޯސްގެ ބަދަލުގައި މުހައްމަދު ވާދު އަދި އަލްމިއޯޒް އަލީގެ ބަދަލުގައި މުހައްމަދު މުންތާރީ ވަނީ ކުޅެން އަރުވާފަ.

މެޗުގެ ފުރަތަމަ ބަދަލު އެކުއެޑޯއިން. 68 ވަނަ މިނެޓުގައި އިބާރާގެ ބަދަލުގައި ސާމިއެންޓޯ ކުޅެން އަރައިފި.

66 ވަނަ މިނެޓު: މެޗުން މޮޅުވަމުންދާ އެކުއެޑޯގެ ސަޕޯޓަރުން ހެވިފައި. މުޅި ދަނޑު ސަޕޯޓަރުންގެ އަޑުން ގުގުމާލާފަ.

61 ވަނަ މިނެޓު: ގަތަރުން ރަނގަޅު ފުރުސަތެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލަން މަސައްކަތް ކޮށްފި. އެހެންނަމަވެސް ޑިފެންޑަރު މިގޭލް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ.

60 ވަނަ މިނެޓު: ދެވަނަ ހާފުގެ 15 މިނެޓުގެ ކުޅުން ހަމަވިއިރު ނަތީޖާއަށް ބަދަލެއް ނާދޭ. އަދިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެނީ އެކުއެޑޯއިން.
56 ވަނަ މިނެޓު: ގަތަރުގެ އަފީފް އަށް ކުރި ފައުލަކާ ގުޅިގެން އެކުއެޑޯގެ މެންޑޭޒް އަށް ރީނދޫ ކާޑެއް. މިއީ މެޗުގެ ފަސްވަނަ ރީނދޫ ކާޑު.
55 ވަނަ މިނެޓު: ދެވަނަ ހާފުގައި ފެނިގެންދިޔަ އެންމެ ނުރައްކާތެރި ހަމަލާ. އިބާރާ ފޮނުވާލި ހަމަލާއަށް ގަތަރުގެ ކީޕަރު ވަނީ ވަރަށް ރަނގަޅަށް ހުރަސްއަޅާ، އެއްލުމަކަށް ބޭރު ކޮށްލާފަ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ކުޅުން ނިމިއްޖެ. ދެޓީމުގެ ފަރާތުންވެސް ފެނިގެންދަނީ އާދައިގެ ކުޅުމެއް. އެހެންނަމަވެސް އެކުއެޑޯއިން އަންނަނީ ހަމަލާއެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ގަތަރަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވޭ. ފެންނަނީ ވަރަށް އާދައިގެ ކުޅުމެއް.

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދެޓީމުންވެސް ނުކުތީ ފުރަތަމަ ހާފުގައި ނެރުނު ފުރަތަމަ 11 އާއިއެކު. 0-2 އިން ލީޑުގައި އޮތީ އެކުއެޑޯ.
ފުރަތަމަ ހާފުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ފަސް މިނެޓުގެ ކުޅުންވެސް ނިމިއްޖެ. 0-2 އިން ކުރީގައި އެކުއެޑޯ.
ފުރަތަމަ ހާފު އެކުއެޑޯއިން ނިންމާލީ 58 އިންސައްތަ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓު ކުރަމުން. މި ހާފުގައި އެކުއެޑޯއިން ހަ ފައުލުކޮށް ރީނދޫ ކާޑެއް ހޯދިއިރު ގަތަރުން ނުވަ ފައުލުކޮށް ތިން ރީނދޫ ކާޑު ހޯދާފައިވޭ.

މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވުމުން އިތުރުވަގުތުގެ ގޮތުގަ 5 މިނެޓު ވަނީ ދައްކާފަ.

44 ވަނަ މިނެޓު: ލިބުނު އަނިޔާ އަކާ ގުޅިގެން ފަރުވާ ހޯދުމަށް ދަނޑުން ބޭލުމަށްފަހު އެކުއެޑޯގެ ކެޕްޓަން ވެލެންސިއާ އެނބުރި ކުޅުމާ ބައިވެރިވެއްޖެ.
މެޗު ބަލަން ދެ ގައުމަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ދަނޑަށް ވަދެފައިވޭ. އަދި އެކި ގައުމުތަކުގެ އިއްޒަތްތެރިންވެސް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތާއި މެޗު ބެލުމަށް ދަނޑަށް ވަދެފައިވޭ.

40 މިނެޓުގެ ކުޅުން ހަމަވިއިރު އެކުއެޑޯއިން ޖުމްލަ 3 ހަމަލާއެއް، ގޯލާ އަމާޒުވީ ދެހަމަލާ. ގަތަރަށް ގޯލާ އަމާޒުވާގޮތަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. 61 އިންސައްތަ ޕޮޒެޝަން ހިފަހައްޓަނީ އެކުއެޑޯއިން. ގަތަރަށް ލިބުނީ 39 އިންސައްތަ.

މެޗުގެ ހަތަރުވަނަ ރީނދޫ ކާޑު. ގަތަރުގެ ތިންވަނަ ރީނދޫ ކާޑު، 36 ވަނަ މިނެޓުގައި ކަރީމް ބުޑީއަފް އަށް.
އެކުއެޑޯއިން ދެވަނަ ލަނޑެއްޖަހާ މެޗުގައި ލީޑު ފުޅާކޮށްފި. 31 ވަނަ މިނެޓުގައި މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން ވެލެންސިއާ.

ތިންވަނަ ރީނދޫ ކާޑު 29 ވަނަ މިނެޓުގައި އެކުއެޑޯގެ މޮއިސަސް ސެސެއިޑޯ އަށް.
މެޗުގެ ދެވަނަ ރީނދޫ ކާޑު 22 ވަނަ މިނެޓުގައި ގަތަރުގެ އަލްމޮއޭޒް އަލީއަށް.
އެކުއެޑޯގެ ދެވަނަ ހަމަލާ 20 ވަނަ މިނެޓުގަ. އެސްޓުޕިނާން ތަނަވަސްކޮށްދިން ފުރުސަތަކުން އަފީފް ބޮލުން ބޯޅަ ފޮނުވާލަން މަސައްކަތްކުރި. އެތަނުން އަފީފަށް ގަތަރުގެ ކީޕަރަށް ފައުލު ކުރެވުނީ.
މެޗުގެ 16 ވަނަ މިނެޓު، ނަތީޖާއަކީ ގަތަރު 0-1 އެކުއެޑޯ.

މުބާރާތުގެ ފުރަތަމަ ލަނޑު އެކުއެޑޯއިން. ލަނޑުޖެހީ ޕެނަލްޓީއަކުން ވެލެންސިއާ.

މުބާރާތުގެ ފުރަތަމަ ރީނދޫ ކާޑު ގަތަރު ކީޕަރު ސާދް އަލް ޝީބް އަށް
14 ވަނަ މިނެޓު. ގަތަރުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން އެކުއެޑޯއަށް ޕެނަލްޓީއެއް
10 ވަނަ މިނެޓުގެ ކުޅުން ނިމުނުއިރު ނަތީޖާ އަކީ 0-0

މުބާރާތުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ އޮފްސައިޑު ލަނޑެއް ކަމަށް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ ނިންމާފަ
ވޯލްޑް ކަޕް 2022 ގެ ފުރަތަމަ ލަނޑު އެކުއެޑޯއިން. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެމުން އަންނަ އެނާ ވެލެންސިއާ. މިއީ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ލަނޑެއް.
މެޗުގެ ފުރަތަމަ ފައުލު 23 ވަނަ ސިކުންތުގަ. ފައުލު ކުރީ އެކުއެޑޯގެ އެސްޓުޕިނަން.
ރެފްރީގެ ފުރަތަމަ ކަށިގަނޑާއެކު ގަތަރާއި އެކުއެޑޯ ބައްދަލުކުރާ މެޗު ފަށައިފި.
މެޗު ފެށުމުގެ އެންމެފަހު ތައްޔާރީތައް ކުރިއަށް ދަނީ. މިހާރު ކުރިއަށް ދަނީ ދެގައުމުގެ ގައުމީ ސަލާމް ކިޔުން.