ދުނިޔޭގައި ބާއްވާ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ފީފާ ވޯލްޑް ކަޕުގެ ފުރަތަމަ މެޗު މިރޭ ކުޅޭނެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ބާއްވާ ކުލަގަދަ ރަސްމިއްޔާތަށްފަހު ކުޅޭ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު, ގަތަރު ނުކުންނާނީ އެކުއެޑޯ އާއި ދެކޮޅަށެވެ.

އެކުއެޑޯ އާއި ގަތަރު ބައްދަލުކުރާ މެޗު ކުޅޭ އަލް ބައިތު ސްޓޭޑިއަމް

މިމެޗު ކުޅޭނީ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމުގައެވެ. މިއީ 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.

ގަތަރު

ގަތަރުން މިފަހުން ކުޅުނު މެޗެއްގައި ބޭނުންކުރި ފުރަތަމަ 11

މިފަހަރުގެ މުބާރާތަކީ ގަތަރަށް އެތައް ގޮތަކުން ހާއްސަ މުބާރާތެކެވެ.

ފުރަތަމަ ފަހަރަށް މެދުއިރުމަތީ ގައުމެއްގައި ބާއްވާ ވޯލްޑް ކަޕް ހޯސްޓު ކުރުމުގެ ޝަރަފު އެއީ ގަތަރަށް ކުޑަ ޝަރަފަކަށް ނުވާނެއެވެ. އަދި މިއީ އޭޝިއާ ބައްރުގެ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ދެވަނަ ފަހަރު ކަމުން އެއީވެސް ގަތަރަށް މި މުބާރާތް ހާއްސަވާ ކަމެކެވެ.

މީގެއިތުރުން މިއީ އަހަރުގެ މެދުތެރޭގައި ނޫން ގޮތަކަށް މުބާރާތް ކުޅޭނެ ފުރަތަމަ ފަހަރެވެ. މީގެކުރިން މެއި، ޖޫން، ޖުލައި މި ތިންމަހުގެ ތެރޭގައި ވޯލްޑް ކަޕް ކުޅޭއިރު މިފަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ 20 ނޮވެމްބަރުން ފެށިގެން 18 ޑިސެމްބަރުގެ ނިޔަލަށެވެ. މިގޮތަށް ބަދަލު ގެނައީވެސް ގަތަރުގައި މުބާރާތް ބާއްވާތީއެވެ.

މި މުބާރާތް ގަތަރަށް ހާއްސަވާ އެންމެ ބޮޑު ސަބަބަކީ، މިއީ ތާރީޚުގައިވެސް ގަތަރުން ވޯލްޑް ކަޕުގައި ކުޅޭނެ ފުރަތަމަ ފަހަރަށް ވުމެވެ.

ކޮލިފިކޭޝަން ކުޅުމަކާއި ނުލައި ގަތަރުން ވޯލްޑް ކަޕުގެ ޖާގަ ހޯދީ ހޯސްޓު ގައުމުގެ ގޮތުގައެވެ.

އެކުއެޑޯ

އެކުއެޑޯއިން ޖޫން މަހު ކުޅުނު މެޗެއްގައި ބޭނުންކުރި ފުރަތަމަ 11

ގަތަރާއި ދެކޮޅަށް ނުކުންނަ އެކުއެޑޯއިން މީގެކުރިން 3 ފަހަރެއްގެ މަތީން ވޯލްޑް ކަޕުގައި ކުޅެފައިވެއެވެ.

އެންމެފުރަތަމަ އެކުއެޑޯއިން ވޯލްޑް ކަޕުގައި ކުޅުނީ 2002 ވަނަ އަހަރުއެވެ. އޭގެފަހުން 2006 ވަނަ އަހަރު އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް އެކުއެޑޯއިން ކުޅެފައިވެއެވެ.

އެކުއެޑޯއަށް މިހާތަނަށް ވޯލްޑް ކަޕުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެވުނީ 2006 ވަނަ އަހަރުއެވެ. އެފަހަރު އެކުއެޑޯއިން ވަނީ ގުރޫޕު ސްޓޭޖު ފަހަނައަޅާ ރައުންޑް އޮފް 16 ގައި ކުޅެފައެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުމުން އެއް ވޯލްޑް ކަޕުގެ މެދުކެނޑުމަކަށްފަހު އެކުއެޑޯއިން މިފަހަރުގެ ވޯލްޑް ކަޕުގައި ނުކުންނާނީ ވަރުގަދަ އަޒުމެއްގައެވެ.

އެކުއެޑޯ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮންމެބޯލް ސަރަހައްދުގެ ކޮލިފައިންގައި ހަތަރުވަނައިގައި ރޭންކު ކުރެވިގެންނެވެ. އެހެންނަމަވެސް ކޮލިފައިންގް މެޗުތަކުގައި ގަވައިދާއި ހިލާފަށް އެޓީމުގައި ކުޅުންތެރިއަކު ހިމެނި މައްސަލައެއް ފެންމަތިވެ އެކުއެޑޯއަށް މުބާރާތް ގެއްލުމުގެ ބިރުވެސް ހީވިއެވެ.

އެންމެފަހުން ކުޅުނު ފަސް މެޗު:

ގަތަރު:

  • ގަތަރު 2-2 ޗިލީ (27 ސެޕްޓެމްބަރު 2022)

  • ގަތަރު 0-2 ކެނެޑާ (23 ސެޕްޓެމްބަރު 2022)
  • ގަތަރު 0-3 ކްރޮއޭޝިއާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު (20 ސެޕްޓޭމްބަރު 2022)
  • ގަތަރު 1-1 ޖަމައިކާ (26 އޮގަސްޓު 2022)
  • ގަތަރު 2-1 ގާނާ (23 އޮގަސްޓު 2022)

އެކުއެޑޯ:

  • އެކުއެޑޯ 0-0 މިސްރު (12 ނޮވެމްބަރު 2022)

  • އެކުއެޑޯ 0-0 ޖަޕާން (27 ސެޕްޓެމްބަރު 2022)
  • އެކުއެޑޯ 0-0 ސައުދީ އަރަބިއްޔާ (23 ސެޕްޓެމްބަރު)
  • އެކުއެޑޯ 0-1 ކޭޕް ވާޑޭ (12 ޖޫން 2022)
  • އެކުއެޑޯ 0-0 މެކްސިކޯ (6 ޖޫން 2022)

ޓީމުތަކުން ބޭނުންކުރާނެ ކަމަށް ބެލެވޭ ފުރަތަމަ 11

ގަތަރު

ކީޕަރު: ސާދް އަލް ޝީބް، ޑިފެންޑަރުން: ޕެޑްރޯ މިގޭލް، ބައްސާމް އަލް ރާވީ، ތާރިގް ސަލްމާން، އަބްދުލް ކަރީމް ހަސަން، ހުމާމް އަހްމަދު، މިޑްފީލްޑަރުން: އަބްދުލްއަޒީޒް ހާތިމް، ކަރީމް ބުޑިއާފް، ފޯވަޑުން: ހަސަން އަލްހޭޑޮސް، އަލްމޮއޭޒް އަލީ، އަކްރަމް އަފީފް.

އެކުއެޑޯ

ކީޕަރު: އެލެކްސަންޑަރ ޑޮމިންގުއޭޒް، ޑިފެންޑަރުން: އެންހެލޯ ޕްރެސިއާޑޯ، ފީލިކްސް ޓޮރޭސް، ޕިއެރޯ ހިންކެޕީ، ޕާވިސް އެސްޓުޕިނާން، މިޑްފީލްޑަރުން: ކާލޮސް ގްރުއެޒޯ، މޮއިސަސް ސެސެއިޑޯ، ހޯސޭ ސިފުއެންޓޭ، ފޯވަޑުން: ގޮންޒާލޯ ޕްލާޓާ، އެނާ ވެލެންސިއާ، ރޮމާރިއޯ އިބާރާ.

ޓީމުގެ ތަރިއަކީ؟

ގަތަރު: ޙަސަން އަލް ހޭޑޮސް

ގަތަރުގެ ފުޓުބޯޅަ ޓީމުގެ ތަރިއަކީ ޙަސަން އަލް ހޭޑޮސް ކަމާއިމެދު އެގައުމުގެ ފުޓުބޯޅަ އެނގޭ މީހަކު ދެބަހެއް ނުވާނެއެވެ.

އުމުރުން 31 އަހަރުގެ ޙަސަން އަކީ ގަތަރުގެ އަލް ސާދު ޓީމުން 2007 ވަނަ އަހަރު ކެރިއަރު ފަށައި، މިއަދާ ހަމައަށްވެސް އެޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުރި ހުނަރުވެރި ފޯވާޑެކެވެ.

ޚަސަން ގަތަރުގެ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުއެވެ. މިއަދާއި ހަމައަށް އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 169 މެޗުން 36 ލަނޑު ކާމިޔާބު ކޮށްފައެވެ.

ހަސަން ވަނީ 2014 ވަނަ އަހަރު ގަތަރު އެސްޓާދް ދޯހާ ގަތަރު ޕްލެޔަރ އޮފްދަ އިޔަރގެ އެވޯޑާއި 2015 ވަނަ އަހަރު ގަތަރު ފުޓުބޯޅަ އެސޯސިއޭޝަނުން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައެވެ.

އޭނާ ވަނީ ގަތަރުގެ ގައުމީ ޓީމާއެކު 2019 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕާއި 2014 ވަނަ އަހަރުގެ ގަލްފް ކަޕް އޮފް ނޭޝަންސް މުބާރާތް ކާމިޔާބު ކޮށްފައެވެ.

އެކުއެޑޯ: ޕާވިސް އެސްޓުޕިނާން

ޕާވިސް އެސްޓުޕިއާން އަކީ، އިނގިރޭސި ޕްރިމިއަރ ލީގުގެ ބްރައިޓަން ހޯވް އަލްބިއޮން އަށް ކުޅެމުން އަންނަ ޑިފެންޑަރެކެވެ.

ލެފްޓް ބެކުގެ މަގާމަށް ކުޅެމުން އަންނަ އެސްޓުޕިނާން ވަނީ، ވަޓްފޯޑާއި، ސްޕެއިންގެ ބައެއް ކުލަބުތަކަށްވެސް ކުޅެފައެވެ.

އުމުރުން 24 އަހަރުގެ އެސްޓުޕިނާން ވަނީ އެކުއެޑޯގެ ގައުމީ ޓީމަށް 28 މެޗު ކުޅެދީ 3 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ކުލަބު ފެންވަރުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެއިންގެ ވިޔަރެއާލާއިއެކު 2020/2021 ވަނަ އަހަރުގެ ޔޫރަޕާ ލީގު ކާމިޔާބު ކުރިއެވެ.

އަދި އޭނާގެ އިންޑިވިޖުއަލް އެންމެ ބޮޑު ކާމިޔާބީ އަކީ 2021 ވަނަ އަހަރު ކޮޕާ އެމެރިކާ މުބާރާތުގެ ޓީމް އޮފް ދަ ޓޯނަމަންޓުގައި ހިމެނުމެވެ.

ހެޑް-ޓު-ހެޑް

ފީފާ ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗުގައި ވާދަކުރުމާއި ހަމައަށް އެކުއެޑޯ އާއި ގަތަރުން ވަނީ މީގެކުރިން ތިން ފަހަރެއްގެ މަތިން ކުރިމަތިލާފައެވެ.

އެގޮތުން ފުރަތަމަ ކުރިމަތިލާފައިވަނީ 1996 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައެވެ. ގަތަރުގެ އަލް އަސަދް ސްޓޭޑިއަމުގައި ކުޅުނު މިމެޗު، 1-1 އިންވީ އެއްވަރެވެ.

އޭގެ ހަފްތާއެއްފަހުން ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު މި ދެޓީމުން ދެވަނަ ފަހަރަކަށް ކުރިމަތިލިއިރު އެމެޗު 1-2 އިން ކާމިޔާބު ކުރީ ގަތަރެވެ. އެމެޗުވެސް ކުޅުނީ ގަތަރުގެ ދޯހާގައެވެ.

އެންމެފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ފަހުގެ ތާރީޙެއްގައި މިދެޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔަ ހަމައެކަނި ފަހަރެވެ. އެމެޗު 3-4 އިން ކާމިޔާބު ކުރީ އެކުއެޑޯ އެވެ.

ހެޑް-ޓު-ހެޑް ނަތީޖާއަށް ބަލާއިރު ކޮންމެ ޓީމެއްވެސް އެއްމެޗުން މޮޅުވެފައި އަދި ދެޓީމު އެއްވަރުވި މެޗެއްވެސް ކުޅެފައިވާއިރު، މި ދެޓީމުގެ ހަގިގީ ފެންވަރު ވަޒަންކޮށްލުމަށް މިރޭ ކުޅޭ މެޗަކީ މުހިންމު މެޗަކަށް ވާނެއެވެ.

މިމެޗު ފަށާނީ މިރޭ 21:00 ގައެވެ.

ގަތަރު އަދި އެކުއެޑޯ ހިމެނެނީ ވޯލްޑް ކަޕުގެ ގްރޫޕް އޭ ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ނެދަލެންޑްސް އާއި ސެނެގާލް އެވެ.