20 Nov 2022, 11:51
ފީފާ ވޯލްޑް ކަޕް 2022 އާއި ދިމާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން ގެންދަނީ ގަތަރުގައި ކުޅޭ ޓީމުތަކާއި ކުޅުންތެރިން މުބާރާތުގައި ދައްކާނެ ކުޅުން ބަލަން ތައްޔާރުވަމުންނެވެ.
ނަމަވެސް އޮފީސް ގަޑިއާއި ކިޔެވުމާއި ދަތުރުފަތުރާއި އެހެނިހެން ސަބަބުތަކާހުރެ ކޮންމެ ކޮންމެ މީހަކަށް، ބޭނުންވާ ހުރިހާ މެޗެއް ލައިވްކޮށް ނުބެލި ދާނެއެވެ.
އެހެންކަމުން އެފަދަ ހާލަތްތަކުގައި ވޯލްޑްކަޕްގެ އެންމެފަހުގެ މައުލޫމާތުތައް ހޯދާލުމަށް އެކަށީގެންވާ ރަނގަޅު އެޕްލިކޭޝަނެއްގެ އެހީ ހޯދުމަކީ ބުއްދިވެރިކަމެކެވެ.
ޕްލޭސްޓޯރުންނާއި، އެޕަލް ސްޓޯރުން މިހާރު ލިބެންހުރި ފުޓްބޯޅައިގެ ގިނަ އެޕްތަކަކީ މެޗުތައް ފެށުމުގެ ކުރިން ލައިނަޕްތަކާއި، އަނިޔާތަކާއި، ކުރިއަށް އޮތް މެޗުތަކާއި، ކުޅުންތެރިންގެ ރެކޯޑްތައް ޓްރެކް ކުރުމަށް އެހީތެރިވެދޭ އެޕްތަކެކެވެ.
ތިރީގައި މިބަޔާންކުރާ އެޕްތަކަކީ މިއަހަރުގެ ވޯލްޑް ކަޕްގެ މައުލޫމާތުތައް އިތުރަށް ލިބިގަތުމަށް ވަރަށް އެކަށީގެންވާ ރަނގަޅު ފަސް އެޕެކެވެ.
ފޮޓްމޮބް
ފޮޓްމޮބް އަކީ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގައި ފުޓްބޯޅަ ޓްރެކިންގަށް ހަގީގަތުގައިވެސް ފާހަގަކޮށްލެވޭ އެޕެކެވެ. މި އެޕްގެ ތެރެއިން، އެންމެ ކަމުދާ އަދި ސަޕޯޓްކުރާ ޓީމުތަކާއި ކުޅުންތެރިން ހޮވާލެވޭނެއެވެ. އެއަށްފަހު މި ޓީމުތަކުގެ ނުވަތަ ކުޅުންތެރިންގެ ހުރިހާ މަޢުލޫމާތެއް އެޕު މެދުވެރިކޮށް ލިބޭނެއެވެ. މީގެތެރޭގައި ނަތީޖާތައް، ކުރިއަށް ހުރި މެޗުތައް އަދި ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުގެ އަދާހަމަ ބަލާލެވޭނެއެެވެ.
ފޮޓްމޮބް އެޕްގައި އެންޑްރޮއިޑް އަދި އައިއޯއެސް ގައިވެސް ރީތި ވިޖެޓްތަކެއް ހުންނާނެއެވެ. އެ ވިޖެޓްތައް ހޯމްސްކްރީނުގައި ޕިންކޮށްގެން، ބޭނުންވާ ޓީމާއި ގްރޫޕް ޓޭބަލް އަދި އާންމުކޮށް ފުޓްބޯޅައިގެ ހުރިހާ ޚަބަރުތަކެއް ބަލާލެވޭނެއެވެ.
ގޫގުލް ސާޗް
އެންޑްރޮއިޑްގެ ގިނަ ފޯނުތަކުގައި މިހާރުވެސް ހުންނަ ޑިފޯލްޓް ގޫގުލް ސަރޗް އެޕަކީ ފޭނުންނަށް މައުލޫމާތު ލިބޭނެ ބޮޑު މަޞްދަރެކެވެ. ގޫގުލް ސާޗްގެ ހާއްސަ ސްޕޯޓްސް އޮރިއެންޓެޑް ފީޗާތަކުގެ ސަބަބުން ތިމާ އެންމެ ގަޔާވާ ޓީމުތައް ޓްރެކްކޮށް، ޚަބަރުތައް ހޯދައި ބެލެހެއްޓުމާއި އަދިވެސް އެތައް ކަމެއް ކުރެވޭނެއެވެ. އަދި އެންމެ ގަޔާވާ ޓީމުތައް ނުވަތަ ކުޅުންތެރިން ޓްރެކް ކުރެވޭނެއެވެ. މީގެއިތުރުން މެޗްތަކުގެ ސްކޯތަކާއި، ސަޕޯޓްކުރާ ޓީމު ކުޅޭއިރު ހޯމްޕޭޖަށް ލައިވް މެޗުގެ ސްކޯވެސް ޕިން ކުރެވޭނެއެވެ.
ފީފާ ޕްލަސް
ފީފާގެ ރަސްމީ އެޕް 'ފީފާ ޕްލަސް' އަކީ މުބާރާތުގެ ތެރެއިން ގަޔާވާ ޓީމުތައް ޓްރެކްކޮށް، ކުޅުންތެރިންނާއި ޓީމުތަކާއި މެޗުތަކާއި ގުޅުންހުރި އެންމެ އިތުބާރު ޚަބަރުތައް ވެސް ފޮލޯ ކުރެވޭނެ ފަސޭހަ، އިތުބާރު ހުރި ރަސްމީ އެޕެކެވެ. ފީފާ+ އެޕްގައި ވެސް ވަރަށް ގިނަ އޮރިޖިނަލް ކޮންޓެންޓްތަކުގެ އިތުރުން އަމިއްލަ ފެންޓަސީ ގޭމެއްވެސް ހިމެނެއެވެ.
ވޯލްޑް ފުޓްބޯލް ސްކޯސް
ފުޓްބޯޅައިގެ އެޕްތަކުގެ މި ލިސްޓުގައި އެކުލެވޭ އެންމެ ސާދާ އެޕް ކަމަށްވާ 'ވޯލްޑް ފުޓްބޯޅަ ސްކޯސް' އަކީ މުޅި މުބާރާތަށް ފޯކަސް ކުރަން ބޭނުންވާ ފަރާތްތަކާ ވަރަށް ގުޅޭ ރަނގަޅު އެޕެކެވެ.
މެޗުތަކާއި ގްރޫޕް ޓޭބަލްތަކާއި ޚަބަރުތަކަށް މައި ސްކްރީނުގައި ހާއްސަ ޓެބްތައް ހުންނައިރު، ސެޓިންގްސް އަށް ވަދެ ޚިޔާރުކުރާ ޓީމުތަކަށް ޕުޝް ނޮޓިފިކޭޝަންތައް އެނޭބަލް ނުވަތަ ޑިސޭބަލް ކުރެވޭނެއެވެ.
ވަންފުޓްބޯލް
މި ލިސްޓުގައި ހިމެނޭ އެހެން ބައެއް އެންޓްރީތަކާ އެއްގޮތަށް ވަންފުޓްބޯލް އަކީ ވޯލްޑް ކަޕްގެ މެޗުތަކާއި ކުޅުންތެރިންނާއި، އެހެން މުބާރާތްތަކުގެ މެޗުތަކާއި ޔޫއެފާ ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތައް ޓްރެކް ކުރާ އެޕެކެވެ. އަދި އެންޑްރޮއިޑް ހޯމްސްކްރީންތަކަށް އެއް ވިޖެޓެއްވެސް ވަންފުޓްބޯލްގައި ގެނެސްދެއެވެ.
އެހެންކަމުން މިއިން ކޮންމެވެސް އެޕެއްގެ ތަޖްރިބާ ކޮށްލުމަކީ މިރޭ ފަށާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ އަދާހަމަ، ފޯނަށް ލިބޭގޮތް ހެދުމަށް، ފޯނަށް އެޅުން މުހިންމު އެޕެކެވެ.