07 Apr 2012, 21:30
ރ. މަޑުއްވަރި އަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވަނިކޮށް ސިފައިން އެ ރަށަށް ބޯފެން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މަޑުއްވަރީގެ ރައްޔިތުން ބޯފެނަށް ޖެހިފައިވާ ކަމަށް ބުނެ އެ ރަށަށް ފެން ފޯރުކޮށްދިނުމަށް ޑިޒާސްޓާ މެނޭޖްމަންޓުން އެމްއެންޑީއެފުގައި އެދުމުން ޅ. ފެލިވަރު މަސްބޯޓަކަށް 35 ޓަނުގެ ފެންބަރުކޮށްގެން މިއަދު މެންދުރު އެ ރަށަށް ފެން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ރަށަށް ފެން ގެންދިއުމަށް ފަހު ސިފައިން ވަނީ އެ ރަށުގެ ގޭގެއަށް ފެން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފަ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ސާފުބޯފެން ލިބުމުގައި ދަތިތަކާ ކުރިމަތިވަމުން އަންނަ މައްސަލަ އަށް ހައްލެއް ހޯދައިދިނުމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ރ. އަދި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގައި އެދިފަ އެވެ.
ހުސްވި ހަތްފާގައި ސިފައިން ވަނީ ބ. ކެންދު އަށް ވެސް ބޯ ފެން ފޯރުކޮށްދީފަ އެވެ.