07 Apr 2012, 20:20
ބަމާކޯ (އޭޕްރީލް 7) : މިދިޔަ މާޗްމަހުގެ 22 ވަނަ ދުވަހު މާލީއަށް ޢަސްކަރީ އިންޤިލާބުގެނައި ސިފައިންނަށް ކުރިމަތިވި ބޭރުގެ ފިއްތުންތަކާގުޅިގެން ވެރިކަން ދޫކޮށްލުމަށް އެމީހުން އެންމެފަހުން އެއްބަސްވެއްޖެވެ.
މިކަމަށް އެއްބަސްވީ އިންޤިލާބުގެނައި ސިފައިންގެ އޮފްސަރުންނާއި މާލީގެ އަވަށްޓެރި ހުޅަނގު އެފްރިކާގެ "އިކާވޮސް" ޤައުމުތަކާދެމެދު ދެކެވުނު ވާހަކަތަކަށްފަހު އިއްޔެގެ ވަގުތެއްގައެވެ. "އިކާވޮސް"އަކީ ހުޅަނގު އެފްރިކާގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ އިޤްތިސާދީ އެއްބާރުލުމާބެހޭ ޖަމްޢިއްޔާއެކެވެ.
މާލީއަށް ޢަސްކަރީ އިންޤިލާބުގެނައި ސިފައިން، ވެރިކަން ދޫކޮށްލުމަށް އެއްބަސްވީ "އިކާވޮސް" ޤައުމުތަކުން ކުރިމަތިކުރި އިޤްތިސާދީ އަދި ޑިޕްލޮމެޓިކް ފިއްތުންތަކުގެ އިތުރުން ކުއްލިގޮތަކަށްއެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
ޢަސްކަރީ އިންޤިލާބާގުޅިގެން "އިކާވޮސް" އިން މާލީއާ ދެކޮޅަށްއެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އިންޤިލާބީ ސަރުކާރަށް އިޢްތިރާފްނުވުމާއި އެޤައުމުތަކުގެ ވަޔާއި އެއްގަމުގެ ސަރަޙައްދުތައް މާލީގެ ކުރިމަތީގައި ބަންދުކުރުމާއި މާލީއާއެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނުކުރުމާއި ތެލާއި އެނޫންވެސް މާލީއަށް ބޭނުންވާ އަސާސީ ތަކެތި އެތެރެކުރުމުގެ ފުރްސަތު ނުދިނުންފަދަ ފިޔަވަޅުތައް ހިމެނެއެވެ. މާލީއަކީ ލޭންޑްލޮކް ޤައުމެއް ކަމުން މިފިޔަވަޅުތަކާކުރިމަތިލުމަށް އެޤައުމުވަނީ ނުކުޅެދިފައެވެ.
ވެރިކަން ދޫކޮށްލުމަށް އިންޤިލާބީވެރިން އެއްބަސްވީ ވަގުތުން ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާލައި ޢަސްކަރީ އިންޤިލާބުގެނަސް މާލީގެ ރައީސް އަމާދޫ ތޮރޭގެ ވެރިކަން ވައްޓާލުމުގައި ބައިވެރިވި ސިފައިންނާއި އޮފްސަރުންގެ މައްޗަށް ޝަރީއަތް ނުހިންގުން ޝަރުތުކޮށްފައެވެ. އިކޯވޮސްގެ ޤައުމުތައްވަނީ މިކަންކަމުގައި އިންޤިލާބީ ސިފައިންނަށް ޖާމިނުވުންދީފައެވެ.
މަޤާމުން ދުރުކުރެވިފައިވާ ރައީސް އަމާދޫ ތޮރޭގެ ވެރިކަން އަލުންއަނބުރައި އިޢާދަކުރުން މިއެއްބަސްވުމުގައި ހިމެނިފައެއްނުވެއެވެ. އޭގެ ބަދަލުގައި މިއެއްބަސްވުމުގައިވަނީ އަލުން އިންތިޚާބެއް ބާއްވައިގެން ދިމުޤްރާތީ ވެރިއަކު އިންތިޚާބުކޮށް އައުސަރުކާރެއް އެކުލަވާލުމަށެވެ.
މިކަންކުރުމަށް މިއެއްބަސްވުމުގައިވަނީ އިންތިޤާލީ ނުވަތަ ވަގުތީ ވެރިއަކު އިޚްތިޔާރުކޮށް އޭނާ އެކުލަވާލައްވާ ސަރުކާރެއްގެ ބެލުމުގެ ދަށުންނެވެ. މާލީގެ އިންޤިލާބީ ސިފައިން ވެރިކަން ދޫކޮށްލަން އެއްބަސްވީ އެޤައުމުގެ ތަވާރިޤް ހަނގުރާމަވެރިން އުތުރުގެ ސަރަޙައްދުތައް އެމީހުންގެ ބާރުގެ ދަށަށްގެނަސް އެސަރަޙައްދުތަކުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް އިޢްލާންކުރުމާގުޅިގެން މާލީއާއި ހުޅަނގު އެފްރިކާގެ ޤައުމުތައް ކަންބޮޑުވެފައިވަނިކޮށެވެ.
މާލީގެ އުތުރުގައި މިނިވަން ދައުލަތް އިޢްލާންކުރައްވަމުން ތަވާރިޤް ހަނގުރާމަވެރިންގެ ލީޑަރެއް ކަމަށްވާ ބިލާލްއައްޝަރީފް ވިދާޅުވީ އެޖަމާޢަތުގެ އަތްދަށުގައިވާ ސަރަޙައްދުތަކުގައި "ރިޕަބްލިކް އޮފް އަޒްވާދު" ގެ ނަމުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް އިޢްލާންކުރީ ކަމުގައެވެ. މި އައު ދައުލަތް ޤަބޫލުކޮށް އެދައުލަތާއެކު ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމްކުރުމަށްވެސް ދުނިޔޭގެ ޤައުމުތަކަށް ތަވާރިޤް ޖަމާއަތުގެ ލީޑަރ ގޮވާލެއްވިއެވެ. -- އަލްޖަޒީރާ