20 Nov 2022, 08:24
އެކްޓަރު ސިދާތް މަލްހޯތްރާ އާއި ބަތަލާ ރަޝްމިކާ މަންޑަންނާ އެކީގައި ފެންނަ ފިލްމު "މިޝަން މަޖްނޫ" ރިލީޒްކުރުން ޕްރިމިއަކުރާނީ ޑިޖިޓަލް ޕްލެޓްފޯމްއެއްގައިކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކާ ޙަވާލާދި ނޫސްތަކުގައި ބުނެފައިވަނީ ފިލްމު ޑިޖިޓަލް ޕްރިމިއާއަކަށް ދާން ގަސްތުކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހުކަމަށެވެ. އަދި މިޚަބަރު ރަސްމީކޮށް ވަރަށް އަވަހަށް އިޢުލާނުކުރާނެކަމަށްވެސް މީޑިއާ ރިޕޯޓުތަކާއި ޙަވާލާދީ ބުނެފައިވެއެވެ.
ރޮނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް ޝާންތަނޫ ބާގްޗީ ޑައިރެކްޓްކުރާ މިފިލްމަކީ، ސްޕައި ތްރިލާއެކެވެ. މިފިލްމުގައި ސިދާތް މަލްހޯތްރާ ފެންނާނީ އިންޑިއާއިން ޕާކިސްތާނުގައި ހިންގި ޖާސޫސީ އޮޕަރޭޝަންގެ އިސްމީހެއްގެ ރޯލުންނެވެ. މިއޮޕަރޭޝަންގައި މިހާތަނަށް އާއްމު ރައްޔިތުންނަށް އެނގިފައިނުވާ އެތައް ވާހަކަތަކެއް ފިލްމު މެދުވެރިކޮށް ބެލުންތެރިންނާ ޙިއްސާކުރެވޭނެކަމަށް ފިލްމު ގެނެސްދޭ ފަރާތްތަކުންވަނީ ބުނެފައެވެ. މީގެކުރިން މިފިލްމު މިއަހަރުގެތެރޭގައި ރިލީޒްކުރުމަށް ނިންމި ނަމަވެސް އެކި ސަބަބުތަކާހެދި ފިލްމު ރިލީޒްކުރުންވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.
ސިދާތްއާއެކު ބަތަލާގެގޮތުގައި ފިލްމުގައި ފެންނަ ރަޝްމިކާ މަންދަންނާއަކީ، ތެލުގޫ، ކަންނާޑާ އަދި ތަމަޅަ ފިލްމުތައް ކުޅެ ދެކުނު ސިނަމާގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ބަތަލާއެކެވެ. މިއަހަރުގެ އޮކްޓޯބަރު މަހު ރިލީޒްވި ފިލްމު "ގުޑްބާއި"އިން ހިންދީ ސިނަމާއަށް ތަޢާރަފްވި ބަތަލާގެ މިފިލްމަކީ، އޭނާކުޅޭ ބޮލީވުޑް ދެވަނަ ފިލްމެވެ.
ފިލްމު "މިޝަން މަޖުނޫ"ގެ އިތުރުންވެސް ރަޝްމިކާ އަންނަނީ ބޮލީވުޑްގެ އިތުރު ފިލްމުތަކުގައި މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި، އެކްޓަރު ރަންބީރް ކަޕޫރްއާއެކު ޝޫޓިންގް ފެށިފައިވާ ފިލްމު "އެނިމަލް" ހިމެނެއެވެ. މީގެއިތުރުން ބަތަލާވަނީ ކެރިއަރުގެ ކާމިޔާބު ފިލްމު "ޕުޝްޕާ"ގެ ދެވަނަ ފިލްމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވެފައެވެ.
އެކްޓަރު ސިދާތްގެ ދާދިފަހުން ރިލީޒްވެފައިވާ ފިލްމު "ތޭންކް ގޯޑް" މިދިޔަ މަހު ސިނަމާތަކުގައި ރިލީޒްކޮށްފައިވާއިރު ފިލްމު "މިޝަން މަޖުނޫ" ވެގެންދާނީ ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒްކުރެވޭ އެކްޓަރުގެ ދެވަނަ ފިލްމަށެވެ. ސިދާތް މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ޝޭރްޝާހް" އެމޭޒަން ޕްރައިމްގައި ޕްރިމިއަކޮށްފައިވާއިރު މިފިލްމަކީ، ސިދާތްގެ ފިލްމީކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ޙާޞިލުކުރި ފިލްމެވެ.