އެތައް އަހަރެއް ވަންދެއް ދައްކަމުން އަންނަ ޑްރާމާ ޝޯ "ގްރޭސް އެނެޓޮމީ"ގެ ލީޑް ރޯލު ކުޅެމުން އައި އެލެން ޕޮމްޕިއޯގެ މެރެޑިތު ގްރޭ، ޝޯއަށް އަލްވަދާއު ކިޔުމަށް ތައްޔާރުވެއްޖެއެވެ.

ޝޮންޑާ ރައިމްސްގެ ގްރޭސް އެނެޓޮމީ އަކީ އެތައް އަހަރެއް ވަންދެއް ދައްކަމުން އަންނަ ޝޯއަކަށް ވާއިރު މިހާރު ޝޯގެ 19 ވަނަ ސީޒަން ވަނީ ދައްކަން ފަށާފައެވެ. އޭބީސީއިން 2005 އަކުން ފެށިގެން ދައްކަމުން އަންނަ އެ ޝޯ ފެށުނު ހިސާބުން ހުއްޓުމެއް ނެތި ޝޯއިން ފެންނަ އެކްޓަރަކީ މިހާރު އެލެންއެވެ. ނަމަވެސް މިހާރު އެންމެ ފަހުން އެލެން ވެސް ޝޯއަށް އަލްވަދާއު ކިޔުމަށް ވަނީ ރެޑީވެފައެވެ.

ޝޯ މިޑް ސީޒަން ބްރޭކަށް ގޮސްފައިވާއިރު ދެން އެ ޝޯ ދައްކަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ގައެވެ. އަންނަ އަހަރުގެ މިޑް ސީޒަން ބްރޭކަށް ފަހު ދެން އެލެން ފެންނާނީ އެންމެ ފަހު ފަހަރަށެވެ. އެލެން ވަނީ ޝޯއިން ފެންނަ މިންވަރު ސީޒަނަކަށް ފަހު ސީޒަނެއް މަޑުމަޑުން މަދުކޮށްފައެވެ. އެގޮތުން މިހާރު ދައްކާ ސީޒަނުގައި އެލެން ފެންނާނީ އެންމެ އަށް އެޕިސޯޑުންނެވެ.

ގްރޭސް އެނެޓޮމީގެ ލީޑް ރޯލުން އެލެން އާއެކު ފެނިފައިވާ ގިނަ އެކްޓަރުން ވަނީ މިހާރު ޝޯ ދޫކޮށް ގޮސްފައެވެ. މިހާރު ޝޯގައި ގިނައީ އެ ޝޯއާ ފަހުން ގުޅިފައިވާ އެކްޓަރުންނެވެ.

ޝޯ މިޑް ސީޒަން ބްރޭކަށް ދިޔުމުން އެލެން ވަނީ ފޭނުންނަށް ހާއްސަ މެސެޖެއް ފޮނުވާފައެވެ. އެލެން ބުނިގޮތުގައި ޝޯގެ 19 ސީޒަންގައި ބެލުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއި ސަޕޯޓަށް އޭނާ ވަރަށް ޝުކުރުވެރި ވެއެވެ.

އެލެން ޝޯ ދޫކޮށްލަނީ އޭނާގެ ކެރެކްޓަރު މެރެޑިތު ގްރޭ، ޝޯ ދައްކާ ސިއޭޓަލް ދޫކޮށް ބޮސްޓަންގައި އަމިއްލަ ދިރިއުޅުމެއް ފެށުމަށް ބަދަލުވާ ގޮތަށް ދައްކައިގެންނެވެ.