20 Nov 2022, 09:18
ފޭރަކީ ދިވެހީންނަށް އެއްވެސް ގޮތަކަށް އާ އެއްޗެއް ނޫނެވެ. މުޅި އަހަރުތެރޭގައި ވެސް ދިވެހިންނަށް ލިބެން ހުންނަ މި މޭވާ އަކީ ދިވެހިން އާންމުކޮށް ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ފަސޭހައިން ލިބޭ މި މޭވާއަކީ މިއިން ލިބޭ ފައިދާގެ ސަބަބުން ބޭނުން ނުކޮށް ދޫކޮށްލެވޭ ވަރުގެ މޭވާއެއް ނޫނެވެ.
ފޭރަށް ބަލާއިރު ފޭރު އަޅާ ގަހަކީ ވެސް އާންމުން އެކި ކަންތައްތަކަށް ބޭނުންކުރަމުން އައި އެއްޗެކެވެ. ފޭރު ގަސްގަނޑުގެ ތޮށިން ފެށިގެން ގަހުގެ މަލާއި ފަތަކީ ވެސް އާންމުން އެކި ކަހަލަ ބޭސްތަކަށް ކުރީން ބޭނުންކޮށް އުޅުނު އެއްޗެކެވެ. ފޭރަކީ އޭގެ ސަބަބުން އެތައް ފައިދާތަކެއް ލިބޭ އެއްޗެއްކަން ވަނީ ސައިންސުގެ އަލީގައި ވެސް ސާބިތު ވެފައެވެ. މި އާދައިގެ މޭވާ އަކީ ބޮޑެތި ބަލިތަކުން ސަލާމަތްވުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ.
ޑައިބިޓީޒް މެނޭޖްމެންޓް
އާންމުކޮށް ފޭރު ކެއުމަކީ މީހާގެ ލޭގައި ހަކުރުގެ މިންވަރު ތިރިކޮށްދޭ އެއްޗެކެވެ. ފޭރަކީ ގްލައިކަމިކް އިންޑެކްސް ވަރަށް ދަށްކޮށް ހުންނަ އެއްޗެކެވެ. އޭގެ ސަބަބުން ފޭރުގައި ފައިބާގެ މިންވަރު އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން ފޭރު ކެއުމުގެ ސަބަބުން ގިނަ ވަގުތު ބަނޑު ފުރިފައި ހުރުމުގެ އިހުސާސް ކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ސިއްހަތަށް ނުރައްކާތެރި ކާއެއްޗެހި ހާއްސަކޮށް ލުއި ކާނާ ފަދަ ތަކެތި ކާހިތް ކުޑަވެއެވެ.
ކެންސަރާ ދުރުވުމަށް އެހީތެރިވޭ
ފޭރަކީ ފައިޓޯނިއުޓްރިއެންޓްސްގެ ބާވަތެއް ކަމަށްވާ ލައިކޮޕީން ހިމެނޭ މޭވާއެކެވެ. މިއީ ޓިއުމަރާއި ކެންސަރަށް މަގުފަހިވާ ކަންތައްތަކުން ހަށިގަނޑަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވާ މާއްދާއެކެވެ. ފޭރު ފަތުގެ އެކްސްޓްރެކްޓް ބޭނުންކޮށްގެން ކެންސަރަށް މަގުފަހިވާ ސެލްތައް މަދު ކުރުމަށް ވެސް ބޭސް ތައްޔާރުކޮށްފައިވެއެވެ. ޑޮކްޓަރުން ލަފާ ދޭގޮތުގައި ފޭރު އާންމުކޮށް ކެއުމުން ކެންސަރާ ދުރުވުމަށް އެހީތެރިވެދޭނެއެވެ.
ގޮހޮރުގެ ސިއްހަތަށް ވެސް ރަނގަޅު
ފޭރު އާންމުކޮށް ކެއުމަކީ ގޮހޮރު ދުޅަހެޔޮކަން މަތީ ބަހައްޓައި ބަނޑަށް އުނދަގޫވުމުން ވެސް ދުރުކޮށްދޭ މޭވާއެކެވެ. އެގޮތުން ފޭރު އާންމުކޮށް ކައި އުޅޭނަމަ އިންސާނާގެ ގޮހޮރު ލުބްރިކޭޓް ކޮށްދިނުމަށް އެހީތެރިވެއެވެ. ފޭރުގައި ހިމެނޭ ފައިބާގެ ބާވަތަކީ ލެކްސެޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރާއެއްޗެކެވެ. އެހެންވީމާ ފާހާނާއަށް ދިޔުމަށް އުނދަގޫވުމުން މި މޭވާ އެހީތެރިވެދެއެވެ.
ނިއުޓްރީޝަނުން ލަފާ ދެނީ ކެއުމުގެ ކުރީން ފޭރު ކާށެވެ. ހުސްބަނޑާ ހުރެ ހެނދުނު ފޭރު ކެއުމަކީ ޕައިލްސް ނުވަތަ ހެމަރޮއިޑްސް ފަދަ ކަންތައްތަކުން ދުރުވުމަށް އެހީތެރިވެދޭ މޭވާއެކެވެ.