ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މިހާރު ބޭނުންކުރާ ޑިޒައިނަށް ބަދަލު ގެނެސް އައު ޑިޒައިނެއް ފަރުމާ ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އަނެއްކާވެސް މިއަދު ހުޅުވާލައިފިއެވެ.

މި ހުޅުވާލި ފުރުސަތުގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި ފުރިހަމައަށް ޑިޒައިން ކުރި މީހަކަށް އިނާމުގެ ގޮތުގައި ދެލައްކަ ރުފިޔާގެ ދޭން ކަނޑައަޅާފައިވާއިރު އައިޑީ ކާޑު ފަރުމާ ކުރުމަށް ޝޯޓްލިސްޓް ކުރެވޭ ތިން ފަރާތަށް އަގު ވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ވެސް ލިބޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

ޑީއެންއާރުން ބުނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށް ޓަކައި ކުރި އިއުލާނަށް އެކަށީގެންވާ އަދަދަށް ހުށަހެޅުންތައް ލިބިފައިނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އައިޑީ ކާޑު ފަރުމާ ކުރާނެ ފަރާތެއް ހޮވާނީ އެފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހުގައެވެ. ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިންނެވެ.