ދައުލަތަށް ލިބޭނެ ކަމަށް މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ފައިސާ ނުލިބި ބަޖެޓް ލަފާކުރި ވަރަށްވުރެ ބޮޑަށް ޑެފިސިޑްވާނެތީ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ވިސްނަންފަށައިފި އެވެ.

މި މަހުގެ އެއްވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވާ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ވިދާޅުވެފައި ވަނީ ބަޖެޓު މަޖިލީހުން އަލުން އިސްލާހުކޮށްގެންނޫނީ ކުރިއަށް ދެވެން ނެތް ކަމަށެވެ.

"ކެބިނެޓުން ބަޖެޓު މަޖިލީހަށް ފޮނުވަން ނިންމާނީ. އަޅުގަނޑު ކެބިނެޓުގައި ހިމެނޭ މީހެއްގެ ގޮތުން ބުނާނީ ބަޖެޓަށް ބަދަލުތަކެއް ގެނެސް ބަޖެޓް އެބަ އިސްލާހުކުރަން ޖެހެޔޭ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު "ސަން އޮންލައިން" އަށް ވިދާޅުވީ މިހާރު އޮތް ބަޖެޓް ކުރިއަށް ގެންދިޔުމަށް 2.4 ބިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށާއި އެ ފައިސާ ހޯދުމަށް މަޖިލީހުގެ ތެރެއިން ހުއްދަ ލިބެން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓަށް އުނިއިތުރު ގެނެސްގެން ބަޖެޓް އިސްލާހު ކުރަން ބޭނުން ނަމަވެސް އެކަން ވެސް ކުރަން ޖެހޭނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހައިގެން ކަމަށެވެ.

"ދެ ގޮތަށް ވިސްނިޔަސް. މިހާރު އޮތްގޮތަށް ކުރިއަށް ގެންދަން ވިސްނިޔަސް، ނޫނީ ބޭނުންވާ މިންގަޑަށް ބަޖެޓް ފެއްތުމަށް ޓަކައި ވިސްނިޔަސް މި ދެ ވިސްނުމުގައި ވެސް ބަޖެޓަށް ބަދަލުތަކެއް ގެނައުމަށް މަޖިލީހަށް ދާންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ. "އެ މަސައްކަތް ފިނޭންސް މިނިސްޓާ ކުރިއަށް ގެންދަވާނެ،"

ސަރުކާރުން ހުށަހަޅާ މަޖިލީހުން މިއަރަށް ފާސްކޮށްފައި ވަނީ ޖުމްލަ 17.1 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި 11.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު ޑެފިސިޓްވާނެ ކަމަށް ލަފާކޮށްފައި ވަނީ ތިން ބިލިއަން ރުފިޔާ އެވެ.

މިނިސްޓަރު އަހުމަދު ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުން ބަޖެޓް ޑެފިސިޓް އިތުރަށް 2.4 ބިލިއަން ރުފިޔާ އިން ޑެފިސިޓްވެ 5.5 ބިލިއަން ރުފިޔާ އަށް ބަޖެޓްގެ ޑެފިސިޓް އުފުލޭނެ ކަމަށެވެ. އަދި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، ޖީޑީޕީން ބަޖެޓުގެ ދަރަނި މިއަހަރު ނިމޭއިރު ހުންނާނީ 17 ޕަސެންޓުގައި ކަމަށާއި އިގްތިސޯދުގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ 25 ޕަސެންޓަށް ދަރަނި އުފުލިދާނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

"މިހެން މިވީ ބަޖެޓުގައި ހިމަނަން ޖެހޭ ބައެއް އެއްޗިހި ހަގީގަތުގައި ނުހިމެނި ހުރީމައި. އަޅުގަނޑުމެން ބުނާނީ ބަޖެޓް ހަދާފައި ހުރީ ރަނގަޅަށް ބަލަންވާ ވަރަށް ނުބަލައޭ،" އަހުމަދު ވިދާޅުވި އެވެ.