07 Apr 2012, 15:39
ފެރީގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ ފެރީ ނިޒާމު ޒަމާނާ އެއްގޮތަށް ބަދަލުގެނައުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ފެރީ ޓިކެޓް ދޫކުރާ އިރު ކިޔު ޖެހިފައި އޮންނަ އޮތުން ހައްލުކުރުމާއި އަދި ޓިކެޓްގެ ފައިސާ ދެއްކުމުގައި އިލެކްޓޯނިކް ކާޑު ސިސްޓަމަކުން ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ޓަކައި މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖޭގައި މިހާރު ފެރީތަކުގައި އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވޭކަމަކީ ވަގުތުން ފައިސާ ނެގުމުގެ މަސައްކަތް. ޒަމާނީ ސިސްޓަމެއް އެކަމަށް ތައާރަފް ކުރެވޭތޯ އަޅުގަނޑުމެން މިދަނީ ޚިޔާލު ކުރަމުން،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ ފެރީގެ ނިޒާމަށް ބަދަލު ގެނައުމުގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ގެންގުޅޭ ޒަމާނީ އުސޫލުތައް ރާއްޖޭގެ ފެރީގެ ނިޒާމަށް ތައާރަފް ކުރަން ނިންމާފައިވާ ކަމަށާއި އެކަމަށް ޓަކައި އެމްޓީސީސީ އާއި ފެރީ އޮޕަރޭޓްކުރާ އެހެނިހެން ފަރާތްތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ނާފިޒު ވިދާޅުވީ ހުޅުލެ އާއި މާލޭ ފެރީގައި ދިމާވާ ތޮއްޖެހުމުގެ ކަންތައް ހައްލުކުރުމަށް ޓަކައި އިތުރު ފެރީ ޓާމިނަލެއް ގާއިމް ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ފެރީތަކުގައި ސަލާމަތީ ގޮތުން ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި ހުރިހާ އުޅަނދެއްގައި ބޭނުންކުރާ ތަކެއްޗަކީ ވެސް އެއް ސުޓޭންޑަޑެއްގެ ތަކެތީގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.