29 Jul 2010, 09:50
14:30
ރާއްޖޭގައި ތިން ހާސް ގެ އެޅުމަށް، 110 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގައި ހައުސިން މިނިސްޓްރީ އާއި ކޮރެއާގެ ގުރޫޕަކާ އެކު މިއަދު ސޮއިކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގައި ފަރާތުން އެ ޕްރޮޖެކްޓްގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރުގެ ނައިބު އަކްރަމް ކަމާލުއްދީންނެވެ. ކޮރެއާގެ ފަރާތުން ސޮއިކުރެއްވީ އެ މައްސައްކަތާ ހަވާލުވި ކޮރެއާގެ "ނެކްސް ޖެން" ގުރޫޕްގެ ޕްލޭނިން މެނޭޖަރ ޔުންޗުލް ކިމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަކްރަމް ކަމާލުއްދީން ވިދާޅުވީ މިއަދު ސޮއިކުރީ އެ މައްސައްކަތުގެ ކޮންޑިޝަނަލް ކޮންޓްރެކްޓެއްގައި ކަމަށެވެ. އަދި އެ ކޮންޓްރެކްޓްގައި ހިމަނާފައިވަނީ ގެތައް އަޅާނެ އަގާއި، މުއްދަތު ކަމަށް އަކްރަމް ވިދާޅުވި އެވެ. އަކްރަމް އިތުރަށް ވިދާޅުވީ ފައިނަލް ކޮންޓްރެކްޓްގައި އޭގެ ތަފްސީލް ހިމެނޭނެ ކަމަށާއި އަދި ދެ މަސް ދުވަހުގެ ތެރޭގައި ފައިނަލް ކޮންޓްރެކްޓް ފުރިހަމަކޮށް، އޭގެ މަހެއް ފަހުން ސޮއިކުރެވޭނެ ކަމަށެވެ. އަދި އެއް މަސް ފަހުން ގެތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. ގެތަށް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލް ދެއްވި އެވެ.
އަކްރަމް އިތުރަށް ވިދާޅުވީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓްގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ އެއްހާސް ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ނޮވެމްބަރު 11 ގެ ކުރިން، ފެއްޓޭނެ ކަމަށެވެ. އަދި އަތޮޅު ތެރޭގައި އެޅުމަށް ހަމަޖެހިފައިވާ 3،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.