ގަތަރުގައި ވޯލްޑް ކަޕް 2022 ބޭއްވުމާއި ގުޅޭގޮތުން ހުށަނގުގެ ގައުމުތަކުން ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން، ފާޑުކިޔާ ފަރާތްތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަރުގަދަ ރައްދެއް ދީފިއެވެ.

ފާޑުކިޔުންތަކަށް އިންފަންޓީނޯ ރައްދު ދީފައިވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް ސުވާލުކުކުރުމަށް ފުރުސަތު ހުޅުވާލުމުގެ ކުރިން ވާހަކަދައްކަމުންނެވެ. އިންފަންޓީނޯ ވަނީ ގަޑިއެއްހާއިރު މި ބައްދަލުވުމުގައި ވާހަކަދައްކާފައެވެ.

ގަތަރުގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް އަމާޒުވާ ފާޑުކިޔުންތަކަށް އިޝާރާތްކޮށް އިންފަންޓީނޯ ބުނީ، ޔޫރަޕުގެ މީހުންގެ ކިބައިން، ހުޅަނގުގެ ގައުމުތަކުން ގިނަ ފިލާވަޅުތަކެއް ދަސްވާ ކަމަށެވެ.

އެގޮތުން ތާރީޚަށް ބަލާނަމަ، ފާއިތުވީ 3000 އަހަރުގެ ތެރޭގައި ހުޅަނގު ގައުމުތަކުގެ މީހުންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކަށް، ކުރިއަށް އޮތް 3000 އަހަރުގެ ތެރޭގައި މައާފަށް އެދެން ޖެހޭކަމަށް ސްވިޒަލޭންޑަށް އުފަން އިންފަންޓީނޯ ބުނެފައިވެއެވެ.

ދުނިޔޭގައި ބާއްވާ ފުޓުބޯޅައިގެ އެންމެ ބޮޑު ހަރަކާތް ފެށުމަށް 24 ގަޑިއިރަށްވެފައި ވަނިކޮށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި މުބާރާތުގެ ވާހަކަދެއްކުމުގެ ބަދަލުގައި އިންފަންޓީނޯ ދެއްކީ، ވޯލްޑް ކަޕާއި ގުޅުވައިގެން ގަތަރަށް އަމާޒުކޮށް ހުޅަނގުގެ މީޑިއާތަކުން ކިޔަމުންދާ ފާޑުކިޔްތަކުގެ ވާހަކައެވެ. އަދި އެ ވާހަކަތަކަށް އިންފަންޓީނޯ ވަނީ ރައްދުވެސް ދީފައެވެ.

ގަތަރުގައި އާދިއްތަ ދުވަހު ފަށާ މި މުބާރާތަކީ އެއްގޮތަށްވުރެ ގިނަ ގޮތުން ހާއްސަ، ތާރީޚީ މުބާރާތެކެވެ. އެގޮތުން މިއީ މެދުއިރުމަތީގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. އަދި މިއީ އޭޝިއާ ސަރަހައްދުގައި ބާއްވާ ދެވަނަ ވޯލްޑު ކަޕުވެސް މެއެވެ.

ގަތަރުގައި މުބާރާތް ބޭއްވުމާއިމެދު ހުޅަނގުގެ މީޑިއާތަކުންނާއި ބައެއް ޖަމާއަތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ބުނަނީ ގަތަރުން އިންސާނީ ހައްގުތަކަށް އިސްކަން ނުދޭ ކަމަށާއި، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުން ކުރި މަސައްކަތުގެ ތެރެއިން އެތައް މަސައްކަތްތެރިންތަކެއް މަރުވެފައިވާ ކަމަށެވެ.

އަދި ގަތަރުން އެއްޖިންސުން ގުޅުންހިންގާ ފަރާތްތަކަށް ނުވަތަ "އެލްޖީބީޓީކިއު" އާއި އަންހެނުންގެ ހައްގުތަކަށްވެސް ގަތަރުން އިސްކަން ނުދޭކަމަށްބުނެ ފާޑުކިޔައެވެ.

އެކްޖީބީޓީކިއު ކޮމިއުނިޓީ އާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދެމުން ގަތަރުން ބުނެފައިވަނީ، ބަޔަކު ރުއްސަން ގަތަރު ރައްޔިތުން އަދި ސަރުކާރުންވެސް އެމީހުންގެ ދީން ބަދަލު ނުކުރާނެ ކަމަށާއި ދެމިހުންނާނީ އިސްލާމީ އަގީދާގެ މަތީގައި ކަމަށެވެ.

ވާހަކަ ނިންމާލަމުން އިންފަންޓީނޯ ބުނީ، މުބާރާތުގައި ހުރިހާ ކަމެއް އެންމެފުރިހަމައަށް ނުހުރި ނަމަވެސް، ބައެއް ފާޑުކިޔުންތަކަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.