އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސެކޮމް) ހިންގާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަލާމަތީ ޚިދުމަތެއް ސިވިލް ސާވިސް ޚިދުމަތެއްގެ ތެރޭގައި ހިންގަންޖެހުންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އޭވްސެކޮމް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ސިވިލް ސާވިސްގެ ތެރެއިން ޗުއްޓީއާއި ސަލާމް ބުނުމުގެ އިންތިޒާމްތަކުގެ ސަބަބުން މަސައްކަތްތައް ބައްޓަންކުރުމުގައި ބައެއް ދަތިތަކާ ކުރިމަތިވާ ކަމަަށެވެ.

"ސިވިލް ސާވިސްގައި ސަލާމާއި ޗުއްޓީ އިންތިޒާމްވެފައި ހުންނަގޮތުން އަންހެން ޕެސެންޖަރުން ފުރާއިރު ފިރިހެން ބޭކަލުން އެބޭފުޅުން ބޮޑީ ސާޗް ކުރަންޖެހުންފަދަ އެތައް ގޮންޖެހުންތަކެއް ހުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭވްސެކޮމް ހިންގަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.

މިނިސްޓަރުވަނީ އޭވިއޭޝަން ސެކިއިރުޓީ ކޮމާންޑު ތަރައްގީކުރުމަށްޓަކައި ކުރެވުނު ބައެއް މަސައްކަތްތައްވެސް ހިއްސާކުރައްވައިފައެވެ.

އެގޮތުން އެއާޕޯޓްގެ ކޮންޓްރޯލްޑް އޭރިއާތައް ޕެޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި ހުރިހާ އެއާޕޯޓަކަށްވެސް މިހާރު އެއްގަމުގައި ދުއްވާނެ އުޅަނދުތައް ފޯރުކޮށްދެވިފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި 50 އަށްވުރެ ގިނަ މުވައްޒަފުންނަށް ބޭރު ގައުމުތަކުގައި ތަމްރީނުދީ، އެހެން ގައުމުތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތް ކުރިއަށް ގެންދާގޮތް ބަލާ ދެނެގަތުމުގެ ފުރުޞަތުވެސް ތަނަވަސްކޮށްދިންކަމަށް ވިދާޅުވިއެވެ.

މިނިސްޓާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، 2000 އާ ގާތްކުރާ އަދަދެއްގެ މުވައްޒަފުންނަށް ރާއްޖޭގައި އެކިބާވަތުގެ ތަމްރީން ޕްރޮގްރާމްތައް ހިންގާފައިވާކަމަށެވެ. އަދި އެއީ ސަރުކާރުން ސަލާމަތީ ޚިދުމަތަށްދޭ ޚާއްސަ އަހަންމިއްޔަތުކަން ހާމަވާ ކަމެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މީގެކުރިން އެ އިދާރާގެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓުވައިފައި އޮތް އޮތުމަށްވެސް މިނިސްޓަރު އަލިއަޅުއްވައިލެއްވިއެވެ.

"ތިޔައިގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، 2013 ވަނަ އަހަރުން ފެށިގެން 2018 އާދެތެރޭ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންގެ ވަޒީފާގެ ކުރިއެރުން އޮތީ ހުއްޓުވާފަ. އޭގެ ސަބަބުން، މި ޚިދުމަތަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވި. ބައެއް ސީނިއަރ މުވައްޒަފުންގެ ސީނިއޮރިޓީވެސް ގެއްލޭގޮތްވި. މުވައްޒަފުންގެ މޮރާލް އަދި މޯޓީވޭޝަނަށް ނޭދެވޭ އަސަރުތައް ކުރި،"

އެހެންނަމަވެސް ރައީސް ޞާލިހުގެ ވިސްނުންފުޅަކީ ސަރުކާރު މުވައްޒަފުންނަށް ލިބެންޖެހޭ ހައްގު އުޖޫރައާއި މަގާމުގެ ކުރިއެރުން ދެއްވުންކަމަށާއި އޭވްސެކޮމްގެ އޮފިސަރުންނަށްވެސް ޖުމްލަ 180 ޕްރޮމޯޝަން، އަށް އަހަރު ދުވަހަށްފަހު ދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ހަމައެއާއެކު މަގާމުގެ ކުރިއެރުން ދޭއިރު ފުރާ އިވެލުއޭޝަން ފޯމަކީ ޒިންމާދާރުކަމާއެކު ފުރަންޖެހޭ އެއްޗެއްކަމަށާއި ޒާތީ ކަންކަމާ ގުޅުވައި އެކަން ނުކުރުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ކޮންމެ މުވައްޒަފަކަށްވެސް ކުރިއެރުން ދޭނީ އެމީހެއްގެ ގާބިލްކަމާއި ފެންވަރަށް ބެލުމަށްފަހުކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 18 އެއާޕޯޓެއްގައި ޚިދުމަތް ދެމުންނެވެ. މީގެތެރޭގައި ފަސް އިންޓަރނޭޝަނަލް އެއަރޕޯޓުވެސް ހިމެނެއެވެ.