19 Nov 2022, 14:28
އަށް އަހަރަށްފަހު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދީފިއެވެ.
މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމީ ހަފްލާ އޮތީ މިއަދު ހެނދުނުއެވެ. އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.
މަގާމުގެ ކުރިއެރުން ދީފައިވަނީ ލާންސްކޯޕްރަލް ރޭންކުން ކޯޕްރަލަށާއި، ކޯޕްރަލް ރޭންކުން ސާޖަންޓު ރޭންކަށާއި އަދި ސާޖަންޓުން ސުޕްރިންޑެންޓް ރޭންކަށެވެ.
މި ރޭންކުތަކަށް ޖުމްލަ 58 އޮފިސަރަކަށްވަނީ ޕްރޮމޯޝަން ދީފައެެވެ.
ޕްރޮމޯޝަން ލިބުނު އޮފިސަރުންގެ ފަރާތުން ވާހަކަދައްކަވަމުން އެ ކޮމާންޑުގެ އޮފިސަރު ކޯޕްރަލް ފާތުމަތު ވިދާޅުވީ މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ މުއައްސަސާއަށް ލިބޭ ކުރިއެރުމަކާއި އަދި އެ މީހުންނަށް ލިބޭ ހިތްވަރެއްްކަމަށެވެ.
"މި ފުރުސަތުގައި ކޮމާންޑުގެ އެންމެހާ އިސްވެރިންނަށް އަދަބުވެރި ޝުކުރެއް ރައްދަކުރަން،" އޭނާ ވިދާޅުވިއެވެ.
އެއާއެކު އޭނާވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށާއި ޑިފެންސް މިނިސްޓަރު މާރިޔާއަށް ޝުކުރު އަދައިކުރައްވައިފައެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ޕްރޮމޯޝަން ޤަވައިދު ބުނާގޮތުން "އިންރޭންކް ޕްރޮމޯޝަން" ކޮންމެ ދެއަހަރުން އެއްފަހަރު މި ކުރިއެރުން ހައްޤުވާ މުވައްޒަފުންނަށް އިންސާފުވެރިކަމާއި އެކު ދޭންޖެހޭ އިރު، "ރޭންކް ޕްރޮމޯޝަން" ކޮންމެ ތިން އަހަރަކުން އެ ޕްރޮމޯޝަން ހައްޤުވާ ފަރާތްތަކަށް ދޭންޖެހެއެވެ.
ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު"ގެ ނަމުގައި ވަކި ޚިދުމަތެއްގެ ގޮތުގައި އެ އިދާރާ އުފެއްދީ 2013ވަނަ އަހަރެވެ.
އޭގެ ކުރިން އެއާޕޯޓުގައި ސެކިއުރިޓީގެ ޚިދުމަތް ދެމުން އައީ އެއާޕޯޓް ސެކިއުރިޓީގެ ނަމުގައެވެ.