ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން، ފޭން ލީޑަރ ނެޓްވޯކް ސްކީމްގެ ދަށުން ގަތަރުގައި ފަށަން ތައްޔާރުވަމުންދާ ވޯލްޑް ކަޕަށް ދިޔަ ސަޕޯޓަރުންނަށް އެމީހުންގެ އުޖޫރަ ދިނުން ހުއްޓާލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މުބާރާތުގެ ފޯރި ގަދަ ކުރުމުގެ ގޮތުން ގަތަރު ސަރުކާރުން ހިންގި މި ސްކީމްގެ ދަށުން، ގަނެފައިވާ ސަޕޯޓަރުން، މުބާރާތުގެ މެޗުތަކާއި ހުޅުވުމުގެ ރަސްމިއްޔާތަށް ހާޒިރުވެ، ދީފައިވާ އިރުޝާދާއި އެއްގޮތަށް ސަޕޯޓުކުރާނެއެވެ.

އަދި މިކަމުގައި ވަކި ގައުމެއް އިސްތިސްނާ ނުކޮށް، ހުރިހާ ޓީމަކަށްވެސް ގަތަރުން ސަޕޯޓަރުން ގަނެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ގަތަރުގައި މި މުބާރާތް ބޭއްވުމާއި، އެ ގައުމުން މުބާރާތަށް ހަމަޖައްސާފައިވާ އިންތިޒާމްތަކަށް މީސްމީޑިއާ އާއި އެހެނިހެން ގޮތްގޮތުންވެސް ފާޑުކިޔާ ފަރާތްތަކުގެ އަޑު މަޑުކުރުވުމަށް، މި ސަޕޯޓަރުންގެ އެހީތެރިކަން ގަތަރު ސަރުކާރުން ހޯދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން އެ ސަޕޯޓަރުން ގަތަރުގައި ހޭދަކުރާ މުއްދަތުގައި ރަނގަޅު ތަޖުރިބާތަކެއް ކުރެވުނު ކަމާއި، އިންތިޒާމްތައް ވަރަށް ރަނގަޅުކަމަށް ބުނެ މި ސަޕޯޓަރުން މީޑިއާގެ އެކި ވަސީލަތްތަކުގައި އާއި މީސްމީޑިއާ މެދުވެރިކޮށްވެސް ޝުއޫރު ފާޅުކުރަން ޖެހޭކަމަށްވެއެވެ.

މައިގަނޑު ގޮތެއްގައި މި ސަޕޯޓަރުންގެ ބޭނުމަކީ ޓީވީއަށް ނުވަތަ މުބާރާތުގެ މޫނުމަތި ރީތިކުރުމެވެ.

މި ސަޕޯޓަރުން ގަތަރުގައި މަދުވެގެން ދެ ހަފްތާ މަޑުކޮށް، މި މަސައްކަތް ކުރިއަށް ގެންދިއުމުން، އުޖޫރައިގެ ގޮތުގައި ހިލޭ ފްލައިޓް ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ދުވާލަކަށް 60 ޕައުންޑް ލިބޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ދޯހާއަށް ފުރުމުގެ ކުރިން "ކޯޑް އޮފް ކޮންޑަކްޓް" ގައި ސޮއިކޮށްފައިވާ މެޗުތަކާއި، ހުޅުވުމުގެ ރަސްމިއްޔާތަށް ކޮމްޕްލިމެންޓްރީ ޓިކެޓް ވެސް ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

"ދަ ގާޑިއަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހުރިހާ މައުލޫމާތެއް ފެންމަތިވެ، ގަތަރު ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، ސަރުކާރުން ވަނީ މި ސަޕޯޓަރުންނަށްދޭން ނިންމާފައިވާ 60 ޕައުންޑުގެ ދުވަހު އުޖޫރަ ދިނުން ހުއްޓާލިކަން އެ ސަޕޯޓަރުންނަށް އަންގާފައެވެ.

ގަތަރުން "ގަތް" ކަމަށް ބުނާ ސަޕޯޓަރުންގެ ތެރޭގައި ގިނައީ ދެކުނު އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނާއި އަރަބި ގައުމުތަކުގެ މީހުން ކަމަށްވެއެވެ. ހާއްސަކޮށް އިންޑިއާ އަދި ބަންގްލަދޭޝް މީހުން މީގެތެރޭގައި ގިނަކަމަށް ރިޕޯޓުތައް ބުނެއެވެ.

ގަތަރުން ސަޕޯޓަރުން ގަނެ، މުބާރާތް ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުންދިއުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މުބާރާތަށް ހާއްސަކޮށް ސްޓޭޑިއަމްތައް އެޅުމުގައި ހުރި ކަންތައްތަކާއި ގުޅިގެންވެސް މީގެކުރިން އެގައުމަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ސްޓޭޑިއަމް އިމާރާތް ކުރުމުގައި ބޭނުންކުރި މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ނުދޭ ކަމަށާއި، އެމީހުންނާއިމެދު ގަތަރު ސަރުކާރުން ކަންކުރަނީ އިހާނަތްތެރިކޮށް ކަމަށްބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.