ވޮޝިންޓަން (19 ނޮވެމްބަރު 2022): އެމެރިކާގައި ބޭއްވި ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއާއެކު ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣްލަބިއްޔަތު އެޕާޓީއަށް ގެއްލުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް މަގާމުން ވަކިވުމަށް ހައުސްގެ މިހާރުގެ ރައީސާ ނެންސީ ޕެލޯސީ ނިންމަވައި އެކަން އިއުލާނު ކުރައްވައިފިއެވެ.

ނެންސީ ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީން ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ކޮންގްރެސްގައި ޕާޓީގެ އެންމެ އިސް މަގާމަށް ދެން ކުރިމަތި ނުލައްވާނެކަމަށާއި އޭނާއަށްވުރެ ޒުވާން ބޭފުޅުންނަށް އެ ފުރުސަތު ދިނުމުގެ ވަގުތު މިހާރު ޖެހިފައިވާކަމަށެވެ. ނެންސީ މިހެން ވިދާޅުވިއިރު އަލަށް އިންތިޚާބުކުރި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣްލަބިއްޔަތުވެސް ޑިމޮކްރެޓިކް ޕާޓީއަށް ވަނީ ގެއްލިފައެވެ.

އަލަށް އިންތިޚާބުކުރި މެންބަރުންގެ ކޮންޕޮޒިޝަންގައި ހައުސް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގައެވެ. މިއާއެކު ހައުސްގެ ރިޔާސަތުވެސް ދާނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށެވެ. ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅަކަށް އެމަގާމު ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ޖަނަވަރީ އާ ހަމައަށް ނެންސީއަށް އެމަގާމުގައި ހުންނެވިދާނެއެވެ.

ނެންސީ ވިދާޅުވިގޮތުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ސަބަބުތަކުގެ ތެރޭގައި ގޮތްނޭނގޭ ބަޔަކު އޭނާގެ ގެކޮޅަށް ވަދެގަނެ އޭނާގެ ފިރިކަލުންނަށް ދާދި ފަހުން ދިން ހަމަލާ ހިމެނެއެވެ. ނެންސީގެ ގެކޮޅަށް ވަދެގަތް މީހުންގެ ބޭނުމަކަށްވީ ނެންސީ އަވަހާރަކޮށްލުމެވެ. ނަމަވެސް އެވަގުތު ނެންސީ ގެކޮޅުގައި ނޫޅުއްވާތީ އެމީހުން ހަމަލާދިނީ އޭނާގެ ފިރިކަލުންނަށެވެ.

ފިރިކަލުންނަށް މަރުތޭލަކުން ހަމަލާދީ އޭނާގެ އަތްވަނީ ބިންދާލާފައެވެ. އަދި އެނޫންވެސް އަނިޔާތައް ދީފައިވެއެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރިޔާސަތުން އިސްތިއުފާ ދޭން ނެންސި ނިންމެވުމާ އަދި ޑިމޮކްރެޓިކް ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެއްވުމަށް ނެންސީ ނިންމެވުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ނެންސީއަކީ އެމެރިކަގެ ޑިމޮކްރަސީ ހިމާޔަތް ކުރަން ހަނގުރާމަ ކުރެއްވި ފަހުލަވާނެއް ކަމުގައި ސިފަކުރައްވައި ނެންސީގެ އަގު ވަޒަން ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ބައިޑެން ވިދާޅުވިގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް ގެ އިމާރާތަށް އަރައިގަނެ އެތަނުގެ މެންބަރުންނަށް ހަމަލާދީ އެތަން ލޫޓުވައި އެތަނަށް ގެއްލުންދީ ހަރުކަށި އަދި އަނިޔާވެރި އަމަލުތައް ހިންގިއިރު ނެންސީވަނީ އާދަޔާ ޚިލާފު ހިއްވަރެއް ދައްކަވައި ހަރުކަށި މީހުންނާ ކުރިމަތިލައްވައި އެމެރިކާގެ ޑިމޮކްރަސީ ހިމާޔަތް ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ.

ހައުސްގެ ޒައާމަތުގައި ޕެލޯސީ ކުރެއްވި ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން އެމެރިކާގެ އެތަކެއް މިލިޔަން ބައެއްގެ ދިރިއުޅުމަށް އެ ކަމުގެ ހެޔޮ އަސަރު ކޮށްފައިވާ ކަމަށާ ކޮންގްރެސްއަށް ހަރުކަށި މީހުން އަރައިގަތްދުވަހު އެމެރިކާގެ ތާރީޚުގައި ނެންސީގެ ނަން ލިޔެވިފައިވަނީ ޑިމޮކުރެސީ ހިމާޔަތް ކުރައްވަން ހަނގުރާމަ ކުރެއްވި ފަހުލަވާނެއްގެ ގޮތުގައި ކަމަށް ބައިޑެން ވިދާޅުވިއެވެ.

ނެންސީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވެ ވަޑައިގަތީ 1987 ވަނަ އަހަރުއެވެ. ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރިޔާސަޔާ އެކަމަނާ ހަވާލުވެ ވަޑައިގަތީ 2007 ވަނަ އަހަރުއެވެ. ގާތްގަނޑަކަށް 45 އަހަރުގެ ދިގުމުއްދަތެއް ކޮންގްރެސްގެ މެންބަރުކަމުގައި ނެންސީ ވަނީ ހޭދަ ކުރައްވާފައެވެ. މިހާރު ނެންސީގެ އުމުރުފުޅަކީ 82 އަހަރެވެ.

އެމެރިކާގެ ރައީސް ކަމުގައި ދެދައުރަށްވުރެ ދިގު މުއްދަތެއް ހޭދަކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ނެތްނަމަވެސް ކޮންގްރެސްގެ މެންބަރުކަމާއި އެނޫންވެސް އިންތިޚާބީ މަގާމުތަކުގައި އެތަށް ދައުރެއް އަދާކޮށް މުޅި އުމުރު ހޭދަކުރުމުގެ ފުރުސަތު އެމެރިކާގައި އޮވެއެވެ. އެމެރިކާގެ ކޮންގްރެސްގެ ގިނަ މެންބަރުންނަކީ ކޮންގްރެސްގެ މެންބަރުކަމުގައި ވިހި ތިރީސް އަހަރަށްވުރެވެސް ދިގު މުއްދަތެއް ހޭދަކުރައްވާ ބޭފުޅުންނެވެ.