ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައި ކޮންމެ ފަހަރަކުވެސް ބޭނުން ކުރާ މެސްކޮޓަކީ އެ އަހަރަކު މުބާރާތް ބާއްވާ ގައުމެއްގެ ސަގާފަތާއި ތާރީޚު ރަމްޒުކޮށްދޭ ޝަހުސިއްޔަތެކެވެ.

އެގޮތުން ބައެއް އަހަރުތަކުގައި އެ ގައުމެއްގެ ވާހަކަ ކިޔައިދޭ ކުޑަކުއްޖެއް ނުވަތަ ޖަނަވާރެއް މެސްކޮޓްގެ ގޮތުގައި ހަމަޖައްސާފައިވެއެވެ.

އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ މެސްކޮޓަށް ދީފައިވާ ނަމަކީ ލަޢީބްއެވެ. އަރަބިން އޭގެ މާނައަކީ "ވަރަށް ހުނަރުވެރި ކުޅުންތެރިޔާ"އެވެ. އެއީ އާންމުކޮށް އަރަބިން އަތްވާއި ވާރެއިން ރައްކާތެރިވުމަށް ބޮލުގައި އަޅާ ފަގުޑި މިސާލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ މެސްކޮޓެކެވެ.

އެ މެސްކޮޓް ދައްކާލާފައި ވަނީ، މިދިޔަ އޭޕްރިލް މަހުގެ އެކެއްގައި ދޯހާ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ.

އެ މެސްކޮޓް ތައާރަފް ކުރަމުން ފީފާއިން ބުނެފައި ވަނީ ލަޢީބް ދިރިއުޅެނީ ތަފާތު މުބާރާތްތަކުގެ މެސްކޮޓްތައް ދިރިއުޅޭ ދުނިޔެއެއްގައި ކަމަށެވެ.

ގަތަރުގައި އެ މުބާރާތް އިންތިޒާމުކުރާ ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީގައި އިސްކޮށް ހުންނަވާ ޚާލިދު އަލީ އަލް މައުލާވީ ވިދާޅުވީ ލަޢީބް ދިރިއުޅޭ "މެސްކޮޓް-ވާސް" އަކީ ސިފަކޮށްދެވޭނެ ތަނެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ކޮންކަހަލަ ތަނެއްކަން ޚިޔާލަށް ގެނައުމަށް މަސައްކަތް ކުރުމަށް އޭނާ އެންމެންނަށްވެސް ހިތްވަރުދެއްވިއެވެ.

މީގެއިތުރުން އެންމެންވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށް ލަޢީބް އެދޭ ކަމަށާއި ފުޓްބޯޅައިގެ ޖޯޝު ލަޢީބް އެންމެންނަށްވެސް ގެނެސްދޭނެކަމަށް އެ ކޮމިޓީން ބުނެފައިވެއެވެ.

ލަޢީބްގެ ދެ ކަނުގައި ފުޓްބޯޅައެއް ރަމްޒުކޮށްދޭ ޑިޒައިނެއް ކުރަހާފައިވެއެވެ. އަދި ގަތަރުގެ ފިރިހެނުން އަޅާ ބައެއް ފަގުޑީގެ އެންމެ ތިރީ ކަނުގައި ހުންނަ ބާވަތުގެ ޑިޒައިނެއް ލަޢީބްގެ ވެސް ފެންނަން ހުންނައިރު އެއް ފަރާތެއްގައި "ގަތަރު 2022" ލިޔެފައިވެއެވެ.

ލަޢީބް ހުދު ކުލައިގައި ހުންނައިރު ކުރެހުންތަކާއި ލިޔުންތައް ހުންނަނީ މެރޫން ކުލައިންނެވެ. އެއީ ގަތަރުގެ ދިދައިގައި ހުންނަ ކުލަތަކާ އެއްގޮތަށެވެ.

ވޯލްޑް ކަޕަށް އެންމެ ފުރަތަމަ މެސްކޮޓް ތައާރަފް ކުރީ 1966 ވަނަ އަހަރު އިނގިރޭސިވިލާތުގައި އޮތް މުބާރާތުގައެވެ. އެ އަހަރު މެސްކޮޓަކަށް ހަމަޖެއްސީ "ވޯލްޑް ކަޕް ވިލީ" ކިޔާ ސިންގާއެކެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ބޭނުންކޮށްފައި ވަނީ ޒަބިވަކާ ކިޔާ ހިޔަޅެކެވެ.