07 Apr 2012, 14:51
ރާއްޖޭގެ ސިޔާސީ މަޝްރަހަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ސިޔާސީ ޕާޓީތަކުގެ މެދުގައި ފެށި މަޝްވަރާތައް މެދުކެނޑިފައި އޮތުމަށްފަހު މިރޭ އަލުން ފަށާނެ ކަމަށް މަޝްވަރާތަކުގެ ވިލަރެސްވެރިޔާ ވިދާޅުވެއްޖެ އެވެ.
ވިލަރެސްވެރިޔާ، އަހުމަދު މުޖުތަބާ މިއަދު ވިދާޅުވީ މިރޭ އަލުން މަޝްވަރާތަކަށް ދާއިރު ކުރިން ވެސް މަޝްވަރާތަކުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުން ބައިވެރިވާނެ ކަމަށާއ އަލުން މަޝްވަރާތައް ފަށާއިރު އެޖެންޑާއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ.
"މިފަހަރު ވެސް މަޝްވަރާތައް ކުރިއަށް ދާނީ ކުރިންވެސް އެކުލަވާލާފައިވާ އެޖެންޑާއާއިކު" މުޖުތަބާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކުލަވާލެއްވި މަގުޗާޓްގައިވާ ކަންކަމާބެހޭ މަޝްވަރާތައް ޕާޓީތަކުގެ މެދުގައި ހިނގަމުން ދަނިކޮށް ވާހަކަތަކުން ޕާޓީތައް ވަކިވީ ރައީސް ވަހީދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމަށް ފުރަތަމަ އެޖެންޑާކުރި ޖަލްސާއަށް އެމްޑީޕީން ހުރަސް އެޅުމާއި ގުޅިގެނެވެ.
އޭގެ ފަހުގައި އަލުން މަޝްވަރާތައް މިރޭ ފަށަނީ ޕާޓީތަކާއެކު ނުރަސްމީ ބައްދަލުވުންތަކެއް ވެސް ބޭއްވުމަށްފަހު އެވެ.