މިފަހަރުގެ ވޯލްޑްކަޕްގައި ވާޗުއަލް އެސިސްޓަންޓް ރެފްރީ (ވީއޭއާރު)ގެ އޮފްސައިޑް ޓެކްނޮލޮޖީގެ ނިންމުންތައް ވެގެންދާނީ އަވަސް އަދި ޞައްޙަ ނިންމުންތަކެއް ކަމުގައި ފީފާގެ ރެފްރީންގެ ކޮމިޓީގެ ޗެއާމަން ޕިއެރްލޫއިޖީ ކޮލީނާ ބުނެފިއެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ފީފާއިން ތަރައްގީކުރި "ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ" ގެ ސަބަބުން އެންމެ ހަރުކަށި އޮފްސައިޑް ނިންމުންތަކުގައިވެސް ކުރީގެ ނިޒާމަށްވުރެ އަވަހަށް ނިންމުން ނިންމާއިރު، ދަނޑާއި ޓީވީން މެޗު ބަލަމުންދާ ސަޕޯޓަރުންނަށް, ކުޅުންތެރިޔާ އޮފްސައިޑުވި މަންޒަރު 3ޑީ އެނިމޭޓެޑް ފޮޓޯތަކެއްގެ ގޮތުގައި ދައްކާނެއެވެ.

"އެއީ އޮފްސައިޑާ ބެހޭ ގޮތުން ނިންމާ ނިންމުންތައް އަވަސްވެފައި އަދި ޞައްޙަ ވުމުގެ ފުރުޞަތު ލިބޭނެ ކަމެއް،" މުބާރާތުގެ ކުރިން ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ފީފާގެ އާ ޓެކްނޮލޮޖީއަށް އިޝާރާތްކޮށް ކޮލީނާ ބުންޏެވެ.

"ސާފުކޮށް ބުނަންޏާ، ބުނެވޭނީ މީގެ ފައިދާއަކީ ހަމައެކަނި އަވަސް ވުމެއްނޫންކަން. އޭގެއިތުރުން އަޅުގަނޑުމެންނަށް އޮފްސައިޑްގެ ސައްޙަކަން ވަގުތުން ވަޒަން ކުރެވޭނެ. އެކަމަކު އެއް ސިކުންތުން ޖަވާބެއް ނުލިބޭނެ، ނުވަތަ ލައިވް ނުކުރެވޭނެ. އަޅުގަނޑު ފާހަގަކުރަން ބޭނުންވާ އެއް ކަމަކީ ވީއޭއާރް ހުރި ނަމަވެސް، ފައިނަލް ނިންމުން އަބަދުވެސް ނިންމާނީ މެޗުގެ ރެފްރީކަން." ކޮލީނާ އިތުރަށް ވިދާޅުވިއެވެ.

ވޯލްޑްކަޕްގެ މެޗުތައް ކުޅޭ ކޮންމެ ދަނޑެއްގައިވެސް ބާރަ ކެމެރާއަކުން ކޮންމެ ކުޅުންތެރިއެއްގެ ހަށިގަނޑުގައި 29 ޕޮއިންޓް ޓްރެކް ކުރާއިރު، މެޗުކުޅޭ ބޯޅައިގެ ތެރޭގައި ހުންނަ ސެންސަރަކުން ސިކުންތަކު 500 ފަހަރު ވީއޭއާރު އޮޕަރޭޝަންސް ރޫމަށް ޑޭޓާ ފޮނުވާނެއެވެ. އަދި އެކަކު އަނެކަކަށް ޕާސްކޮށް ބޯޅަ ކުޅުނު ވަގުތުވެސް ވަރަށް ޞައްޙަކޮށް ވަޒަން ކުރެވޭނެއެވެ.

މި އައު ޓެކްނޮލޮޖީ މިހާރު ވަނީ ފީފާގެ ދެ މުބާރާތެއްގައި އަދި ވޯލްޑް ކަޕްގައި މެޗުތައް ބާއްވާ ހުރިހާ ދަނޑެއްގައި ޓެސްޓުކޮށްފައެވެ.

"އަޅުގަނޑުމެން ޑޭޓާ ތަހުލީލު ކުރިއިރު ނަތީޖާ ވަރަށް ރަނގަޅު،" ފީފާގެ ޑިރެކްޓަރު އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން ޖޯހަންސް ހޯލްޒްމުއެލާ ރޮއިޓާސްއަށް ވިދާޅުވިއެވެ.

"މިއީ މިވަގުތު އެންމެ ސައްހަ ސަޕޯޓިންގ އޮފްސައިޑް ޓޫލް." ހޮލްޒްމުއެލާ ވިދާޅުވީ ކުރީގެ އޮފްސައިޑް ޓެކްނޮލޮޖީ ގަތަރުގައި މިފަހަރުވެސް ލިބެން ހުންނާނެ ކަމަށާއި ނަމަވެސް އެއީ ހަމައެކަނި ބެކަޕެއްގެ ގޮތުގައި ކަމަށެވެ.

ކޮލީނާ ވިދާޅުވީ އޭނާގެ ޓީމުން ދެ ވޯކްޝޮޕެއްގައި 32 ކޯޗުންނަށްވެސް މައުލޫމާތު ދީފައިވާ ކަމަށާއި ޓީމުގެ ކޮންމެ ކޭމްޕަކަށް ޒިޔާރަތްކޮށް ކުޅުންތެރިންނަށް ދޭ މެސެޖު ވަރުގަދަކޮށްފައިވާނެ ކަމަށެވެ.

"މުބާރާތުގެ ހުރިހާ ރެފްރީންނަށްވެސް މިހާރު އަންގާފައި ވަނީ ކުޅުންތެރިއަކަށް ޖިސްމާނީގޮތުން ނުރައްކާވާފަދަ އެއްވެސް ކަމެއް އެހެން ކުޅުންތެރިއަކު ކޮށްފިނަމަ ވަގުތުން ރަތްކާޑު ދެއްކުމަށް" ކޮލީނާ ބުންޏެވެ.

ވީއޭއާރްގެ މަގުބޫލުކަން އަދިވެސް ސަޕޯޓަރުންނާއި، އާޢްމުންގެ މެދުގައި ކުޑަ ނަމަވެސް، އަދި އެ ޚިޔާލު ތަފާތުވުންތަކާ އެކުވެސް މިފަހަރުގެ ވޯލްޑްކަޕްގައި ވީއޭއާރުން ފެންނަ ނަތީޖާތަކާ އެއްގޮތަށް ކުޅުންތެރިންނަށް އަދަބު ދެމުން ގެންދާނެ ކަމަށްވެސް އިޓަލީއަށް އުފަން މަޝްހޫރު ރެފްރީ ކޮލީނާ ބުންޏެވެ.

ކޮލީނާ ބުނީ، ފީފާއިން ބޭނުންވަނީ މެޗުތަކުގައި ވީހާވެސް ގިނަ ވަގުތު މެދުނުކެނޑި ކުޅުވަން ކަމަށެވެ. އެހެންކަމުން ރަނގަޅަށް ޓައިމް ސްޓޮޕޭޖްކޮށް، ހާފް ނިމެން މިނެޓަކަށްވުމުން އިތުރު މިނިޓެއް އިތުރުކުރުމަށް ރެފްރީންނަށް ވާނީ އަންގާފައިކަމަށް ކޮލީނާ ބުންޏެވެ.

އާދިއްތަ ދުވަހުގެރޭ ޤަތަރުގައި ފަށާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތް ވެގެންދާނީ މީގެކުރިން ދުވަހަކުވެސް މިފަދަ މުބާރާތެއްގައި ދެކެފައި ނުވާފަދަ އައު ޓެކްނޮލޮޖީ ތަކާއެކު ކުޅެވޭ މުބާރާތަކަށެވެ.