އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ދްރިޝްޔަމް 2" އިއްޔެ ސިނަމާގައި ރިލީޒްކޮށްފައިވާއިރު ބެލުންތެރިންގެ ފަރާތުން ހީނުކުރާވަރުގެ ތަރުޙީބެއް ފިލްމަށް އަންނަނީ ލިބެމުންނެވެ.

ފިލްމު ސިނަމާތަކުގައި އެޅުވުމުގެކުރިންވެސް 70،000 ޓިކެޓް ވިކި ފުރަތަމަ ހަފުތާގެ ޝޯވްތައްވެސްވަނީ ފުލްވެފައެވެ.

އިއްޔެ ފިލްމު ރިލީޒްވެފައިވާއިރު ބެލުންތެރިންގެ ގިނަ ބަޔަކަށް ޓިކެޓް ނުލިބި ހުސްވުމާ ގުޅިގެން ފިލްމު ދައްކާ ވަގުތު އިތުރުކުރުމަށް ސިނަމާތަކުގެ ވެރިންނަށްވަނީ މަޖުބޫރުވެފައެވެ. އެގޮތުން ދަންވަރު 12:30ގެ ޝޯވްތަކާއެކު ހެނދުނު 6:00ގެ ޝޯވްތައް ބޭއްވުމާމެދު އަންނަނީ މަޝްވަރާކުރެވެމުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ހިންދީ ސިނަމާގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އޭގެ ނޭދެވޭ އަސަރުވަނީކޮށްފައެވެ. އެހެންކަމުން ވަރަށް ފަހަކާ ޖެހެންދެންވެސް ބޮޑެތި ފިލްމުތައް ތިއޭޓަރުތަކުގައި ރިލީޒްކުރުމުންވެސް ބެލުންތެރިންގެ މާބޮޑު ތަރުޙީބެއް ފިލްމުތަކަށްވަނީ ނުލިބިފައެވެ. ބެލުންތެރިންގެ އެދުމުގެމަތިން ވަގުތު އިތުރުކޮށްގެން ޝޯވްތައް ދައްކާފައިވަނީ ބޮޑު މަޤުބޫލުކަމެއް ހޯދި "ސޫރްޔަންވަންޝީ"، "ގަންގޫ ބާއީ ކަތިއާވާޅީ"، "ބްރައްމަސްތުރާ" އަދި މިއަހަރު ރިލީޒްކުރި "ކޭ.ޖީ.އެފް" ފަދަ ފިލްމުތަކެވެ. ފިލްމު "ދްރިޝްޔަމް"އަކީ، މީގެ ހަތް އަހަރުކުރިން ރިލީޒްކުރި ފިލްމު "ދްރިޝްޔަމް"ގެ ސީކުއަލްއެކެވެ.

މިފިލްމަކީ، 2013ވަނަ އަހަރު ރިލީޒްވި މަޅަޔާޅަމް ފިލްމު އަސްލަށް ބަލައިގެން ހަމަ އެނަމުގައި އުފައްދާފައިވާ ފިލްމެކެވެ. މަލްޓިޕްލެކްސް ސިނަމާގެ ރަސްމީ ފަރާތަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ، މިފިލްމަކީ، އެހާބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ނުވާތީ ފިލްމުގެ ޓިކެޓް ހުސްވިނަމަވެސް ބެލުންތެރިންގެ ޑިމާންޑް މިހާބޮޑުވާނެކަމަށް އޭރު ޤަބޫލުނުކުރާކަމުގައެވެ. އަދި ޚާއްޞަކޮށް ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު ފިލްމު ބެލުމަށް އެހާގިނަ ބަޔަކު ޝައުޤުވެރިވާނެކަމަށް އޭރު ޤަބޫލުނުކުރާކަމަށްވެސް އެފަރާތުންވަނީ ބުނެފައެވެ.

އެކްޓަރު އަޖޭ ދޭވްގަންގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއިން ފެންނާނީ ބަތަލާ ތައްބޫ އަދި ޝްރިޔާ ސަރަންއެވެ. މީގެއިތުރުން މިފަހަރުގެ ސީކުއަލްއިން ކުރީގެ އެކްޓަރު އަކްޝަޔޭ ކަންނާ ވަރަށް މުހިއްމު ރޯލްއަކުން ފެނެއެވެ.