19 Nov 2022, 11:08
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕަޔީގެ ޙަޔާތުގެ ސަފްޙާތައް ކިޔައިދޭ ފިލްމުގެ ބޮޑު ވަޒީރުގެ ރޯލަށް އެކްޓަރު ޕަންކަޖް ތްރިޕާތީ ސޮއިކޮށްފިއެވެ.
މިފިލްމަކީ، ބަނޫޝާލީ ސްޓޫޑިއޯ ލިމިޓެޑްއިން ޕްރޮޑިއުސްކޮށް މަރާތީއަށް ނިސްބަތްވާ ރަވީ ޖާދަވް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާ ފިލްމެކެވެ. ރަވީ ޖާދަވްއަކީ މަރާތީ ފިލްމުތަކުގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރުމުގެ އިތުރަށް ބައެއް ފިލްމުތަކުގެ އެކްޓުކޮށް ފިލްމުތަކުގެ މަންޒަރުތައް ލިޔުމުގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
"އަތަލް" ނަމަކަށްކިޔާ މިފިލްމު ބިނާކޮށްފައިވަނީ، އިންޑިއާގެ 10ވަނަ ބޮޑު ވަޒީރުކަމުގެ މަޤާމު ފުރުއްވި އަތަލް ބިހާރީ ވަޖްޕަޔީގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ހިނގާދިޔަ މުހިއްމު ކަންތައްތަކެވެ. މީގެއިތުރުން ވަޖްޕަޔީ ނިސްބަތްވެވަޑައިގެންނެވި ބީޖޭޕީ ޕާޓީގައިވެސް އަދާކުރެއްވި ދައުރަށް މިފިލްމުގައި އަލިއަޅުވާލާނެއެވެ.
ފިލްމު "އަތަލް"ގައި ކުޅެން ލިބުނު ރޯލާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އެކްޓަރު ޕަންކަޖް ބުނެފައިވަނީ، އެފަދަ އަގުހުރި ސިޔާސީ ލީޑަރެއްގެ ޙަޔާތުގެ ވާހަކަތައް ބެލުންތެރިންނަށް ހުށަޅައިދޭން ލިބުނު ފުރުޞަތަކީ ޝަރަފެއްކަމުގައެވެ. އަތަލް ބިހާރީ ވަޖްޕަޔީއަކީ ސިޔާސީ ލީޑަރެއްގެއިތުރުން އިންސާނުންގެ ޙައްޤުތަކަށްވެސް ރައްކާތެރި ބޭފުޅެއްކަމަށާއި އެބޭފުޅާއަށް ލިބިލައްވާފައިވާ އިތުރު ހުނަރުތައްވެސް ފިލްމުގައި ފެނިގެންދާނެކަމަށް ޕަންކަޖްވަނީ ބުނެފައެވެ. ޚާއްޞަކޮށް ލިޔުންތެރިކަމުގެ ރޮނގުންނާއި ޅެންވެރިކަމުގެ ދާއިރާއިން ވަޖްޕަޔީ ކުރެއްވި ޚިދުމަތްތައްވެސް ފިލްމުގައި ފެންނާނެ ކަމަށް އެކްޓަރުވަނީ ބުނެފައެވެ.
އެކްޓަރު ޕަންކަޖް ތްރިޕާތީ އެންމެ ފުރަތަމަ ފިލްމުތަކުން ފެނުނީ މުޅިންވެސް ސަޕޯޓިންގް ރޯލްތަކުންނެވެ. އެހެންނަމަވެސް ޕަންކަޖްގެ އެކްޓިންގް ހުނަރަށް ބެލުންތެރިންގެ ތަރުޙީބު ލިބެމުންދިޔަ ވަރަކަށް ފިލްމުތަކުން އެކްޓަރަށް ލިބެމުންދިޔަ ރޯލްވެސް ދިޔައީ ބޮޑުވަމުންނެވެ. އެގޮތުން ބައެއް ފިލްމުތަކުގައި އޭނާ ކުޅެފައިވާ ރޯލްގެ ސަބަބުން ފިލްމު ބެލުމަށް ޝައުޤުވެރިކަން އިތުރުވެސް ބައެއް ފިލްމުތަކުން ބޮޑެތި ކާމިޔާބީތައް ހޯދާފައިވެސް އެބަހުއްޓެވެ.
ފިލްމުތަކުގެ އިތުރުން ވެބް ސީރީސްތަކުންވެސް ޕަންކަޖްއަކީ ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރެކެވެ. އޭގެތެރޭގައި އެމޭޒަން ޕްރައިމްއިން ގެނެސްދިން ސީރީސް "މިރްޒާ ޕޫރް" ހިމެނެއެވެ. އަދި މިދިޔަ އަހަރު ރިލީޒްވި ފިލްމު "މީމީ"ގައި ޕަންކަޖް ފެނިގެންދިޔަ ރޯލް ފާހަގަކޮށްލެވެއެވެ.