އުތުރުގެ ރަށެއްގައި ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 49 އަހަރުގެ ދިވެހި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެމީހާގެ މައްޗަށް ތުހުމަތު ކުރެވެނީ އުމުރުން 12 އަހަރާއި 14 އަހަރުގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހަށް އެ މައުލޫމާތު ލިބުމުން އެ މައްސަލަ ބެލުމަށްފަހު އެ މީހާ ހައްޔަރު ކުރިއެވެ.

އެކަމަކު އެރޭ މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލީ ކަމަށް ފުލުހުން "ސަން"އަށް ބުންޏެވެ. އެމީހާ ދޫކޮށްލުމުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެމީހާ ވަނީ އަނެއްކާ ވެސް ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.