ފ. ނިލަންދޫގައި ސައިކަލް ދުއްވަން ދަސްކޮށްކުރަން އުޅުނު އަންހެނަކު، ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހި ބޯ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ދަސްކޮށްދޭ މީހާ ފަހަތަށް ލައިގެން މިއަދު ސައިކަލް ދުއްވަނިކޮށް ފާރެއްގައި ޖެހި ޒަހަމްވީ ނިލަންދޫ ފެހި ފަރުދާގޭ ޖަމީލާ އަބްދުﷲ 30، އެވެ. ޖަމީލާގެ އާއިލާގެ ފަރާތުން އޭނާގެ ކޮއްކޮ މިއަދު ބުނީ ހަތަރު ކުދިންގެ މަންމަ ޖަމީލާ މިއަދު ސައިކަލް ދުއްވަނިކޮށް ކޮންޓްރޯލް ގެއްލި ވަރަށް ބާރަށް ގޮސް ފާރުގައި ޖެހުމުގެ ސަބަބުން ބޯ ފަޅައިގެން ގޮސް ހޭނެތިފައިވާއިރު ފައިޔަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

"އެކްސިޑެންޓަށް ފަހު އަދި ވެސް ހެއެއް ނާރާ. އެކްސިޑެންޓވީ ގޮތަށް ވަނީ ހޭނެތިފައި،" އޭނާ ބުންޏެވެ.

ނުރައްކާތެރި މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދު 12:00 ޖަހާއެޖާކަންހާއިރު އެވެ. މި ހާދިސާގައި ސައިކަލް ފަހަތުގައި އިން މީހާއަށް އެއް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.