އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމްލަ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާާ ކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ 14 އޮފީހެއްގެ ބަޖެޓް އިތުރުކުރުމަށް ހުށަހަޅުއްވާފައެވެ. އޮފީސްތަކުގެ ބަޖެޓަށް މެމްބަރު ހުށަހެޅުއްވީ 36.45 މިލިއަން ރުފިޔާ އިތުރު ކުރުމަށެވެ. މެމްބަރުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފައިވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރެވެ.

އޭގެ އިތުރުން މެމްބަރު ޔައުގޫބް ވަނީ ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ބަޖެޓުން އުނިކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އާ ބައެއް ކަންކަން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ހިމެނުމަށް މެމްބަރު ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން އެ ބަޖެޓަށް 124.4 މިލިއަން ރުފިޔާ މެމްބަރު ހުށަހެޅުއްވިއެވެ. މެމްބަރުގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.

އެ ދެ ހުށަހެޅުން ވެސް ބަޖެޓް ކޮމިޓީގައި ތިއްބެވި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާއެކު ފާސްކޮށްފައިވާއިރު ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވަނީ ޖުމްލަ 160.9 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ދިރާސާ ކުރުމަށްފަހު ކޮމިޓީން ގެނައި އިސްލާހާއެކު ކޮމިޓީން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމިޓީން ވަނީ 161 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމަށް އިސްކަން ދިނުމަށް ވެސް ހުށަހަޅާފައެވެ. އަދި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ނަމަ، ލަސްނުކޮށް އެ ހުށަހެޅުމަށް ވެސް ކޮމިޓީން ވަނީ ރިކޮމެންޑޭޝަނުގައި ހިމަނާފައެވެ.

އެ ބަޖެޓުގައި ގިނަ ކަންކަން ރާވާފައިވާކަން ފާހަގަކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވީ ކޮންމެ ދާއިރާއަކުން ވެސް ބޭނުންވާ ހައްލުތަކަށް މަސައްކަތްކުރުމަށް ބަޖެޓުކުރެވިފައިވާ ކަމަށެވެ. އަދި އެ ބަޖެޓަކީ ކޮވިޑް-19ގެ އިޤްތިޞާދީ އަޑިގަނޑަށްފަހު ދައުލަތުގެ ރިކަރަންޓް ޚަރަދު އާމްދަނީން ފޫބެއްދޭނެ ފުރަތަމަ ބަޖެޓު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑްގެ ވަބާއިން ރާއްޖެ އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިބަޖެޓާ ހަމައަށް އާދެވުނީ އިޤްތިޞާދީ ގަދަ ކަނޑެއްގައި ދަތުރުކުރުމަށްފަހުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެއް ކަމަށެވެ. އެއީ ރައްޔިތުންގެ ފުދުންތެރިކަމާއި އިޖްތިމާޢީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމި އޮވެވޭނެ ޕްލޭނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅުތައް ފުއްދުން ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ އިސް އަމާޒަކީ ކޮވިޑް-19ގެ އިޤްތިޞާދީ ކާރިސާއާ ގުޅިގެންނާއި އޭގެ ފަހުން ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން އިތުރުވި ހިރާސްތައް ކުޑަކޮށް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވި ކަން ކަށަވަރު ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން ފެށުމާއެކު މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރާފައިވާ ކަމަށެވެ. އަދި މި އަހަރު ނިމޭއިރު ކޮވިޑްގެ ކުރިން އިޤްތިޞާދީ ހުރި މިންވަރަށް ވާސިލުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަންނަ އަހަރު ވެސް 7.6 އިންސައްތައިގެ ބާރު ދުވެއްޔެއްގައި ގައުމުގެ އިޤްތިޞާދީ ކުރިއަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.