ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ ''އާސްކް ސްޕީކާ''ގެ ހަވަނަ ޕްރޮގުރާމް އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނުގައި ވަނީ ''އާސްކް ސްޕީކާ''ގެ ހަވަނަ ޕްރޮގުރާމް އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 02:15ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހަތަރު ވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ޕްރޮގުރާމަށް ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ސުވާލުކުރާތަން ވީޑިއޯ ކުރުމަށްފަހު ނުވަތަ މެސެޖު މެދުވެރިކޮށްވެސް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގުރާމުގައި ލައިވްކޮށް ސުވާލުކުރަން ބޭނުންވާ މީހުންް ނަންނޯޓު ކުރުމަށް ނަން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން 7234566 އަށެވެ. ނަން ނޯޓު ކުރެވޭނީ އަންނަ މަހުގެ އެއްވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ މީހުން ސުވާލު ޕޯސްޓު ކުރާއިރު، ''AskSpeaker#'' މި ހޭޝްޓެގް ބޭނުންކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މި ޕްރޮގުރާމް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެންނާނެއެވެ. މި ޕްރޮގުރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ރައީސް ނަޝީދު ވަގުތުން ޖަވާބުދެއްވާނެއެވެ.

އާސްކް ސްޕީކާގެ ފަސްވަނަ ޕްރޮގްރާމް ކުރިއަށްގެންދިޔައީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ރޭގައެވެ.