ހެންވޭރު، ލަކީ ޕެލަސްގެ ކޮޓަރިއެއްގެ ތެރޭގައި ފިރިހެނަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގޮވައިގެން އޮއްވާ ވަދެ ތޫނު އެއްޗަކުން ބިރު ދައްކާ ފިރިހެން މީހާގެ ދެ ކޭޝް ކާޑާއި ދެ މީހުންގެ އައިޑީ ކާޑް އަތުލުމަށްފަހު ކޭޝް ކާޑުން ފައިސާ ނެގި ދެމީހުން ފުލުހުން ހާމަކޮށްފި އެވެ.

މި މައްސަލާގައި ރޭ ހައްޔަރުކޮށްފައި ވަނީ ގއ. ކަނޑުހުޅުދޫ ވިދާތަރި، އިކުލީލް އިބްރާހީމް 28، އާއި ހ. ފިނިމާގޭ އާގޭ އަހުމަދު ނަބީލު 23، އެވެ. މީގެ ތެރެއިން އިކްލީލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެވަނަ ފުރުސަތުގެ އަފޫއާމުގައި މިނިވަންކޮށްފައިވާ މީހެކެވެ. ގިނަ އަދަދެއްގަ ތަފާތު ކުށްތަކުގެ ރިކޯޑް އޮންނަ އިކްލީލަކީ 2003 ވަނަ އަހަހަރު ސެޕްޓެމްބަރު 20 ވަނަ ދުވަހު މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާއާ ގުޅިގެން މާލޭގައި ހިންގި ހަމަނުޖެހުންތަކުގައި މާލޭގެ އެކިތަންތަނަށް ގެއްލުންދީ ހުޅުޖެހުމުގެ ކުށް ސާބިތުވި މީހެކެވެ.

މި މައްސަލައިގައި ދެން ހިމެނޭ ނަބީލަކީ ވެސް ތަފާތު ކުށްތަކުގެ ރިކޯޑް އޮންނަ މީހެކެވެ.

ގެސްޓް ހައުސްއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ލަކީ ޕެލަސްގެ ކޮޓަރިއަށް ވަދެ ބިރުދެއްކި އިކްލީލާއި ނަބީލު ހައްޔަރުކޮށްފައި ވަނީ ފައިސާ ފޭރިގެން ފިލަން މަސައްކަތް ކުރަނިކޮށެވެ. ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ ދެމީހުން ފޭރިގަތް ކާޑުތަކާއި ކޭޝް ކާޑުން ނެގި ފައިސާތައް ވެސް ފުލުހުން ވަނީ އަތުލާފަ އެވެ.