18 Nov 2022, 02:25
ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލްގެ ގައުމީ ފުޓުބޯޅަ ޓީމުން ނައިޖީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ފަރަގު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
މި މެޗުން 0-4 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވިއިރު، މެޗަށް ނެގި ސްކޮޑުގައި އެޓީމު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނެއެވެ.
ވޯލްޑް ކަޕަށް ވަގުތު ކުޑަތަންވަމުން އަންނައިރު މި ދުވަސްވަރު ފުޓުބޯޅައިގައި އެންމެ ގަދައަށް ދެކެވެނީ ރޮނާލްޑޯގެ ވާހަކައެވެ. ޕިއާސް މޯގަން އަށް ދިން ހާއްސަ އިންޓަވިއުގައި ރޮނާލްޑޯ ދެއްކި ވާހަކަތަކުގެ ޚަބަރުތަކެވެ.
މި އިންޓަވިއުގައި ރޮނާލްޑޯ ވަނީ، އޭނާ ކުޅެމުން އަންނަ ކުލަބު، މެންޗަސްޓަރ ޔުނައިޓެޑަށާއި، ޓީމުގެ ކޯޗަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ކޯޗު އެރިކް ޓެންހާގަށް އިޚްތިރާމް ނުކުރާ ކަމަށާއި، އެއީ ޓެން ހާގުވެސް ރޮނާލްޑޯ އަށް އިޚްތިރާމް ނުކުރާތީކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.
މި ވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ރޮނާލްޑޯއަށް ވަނީ އަމާޒުވެފައެވެ. އަދި ޕޯޗުގަލް އިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ރޮނާލްޑޯ އާއި، އޭނާ އާއިއެކު މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ބްރޫނޯ ފެރްނާންޑޭޒް އާއި ދެމެދު ނުތަނަވަސްކަމެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. އެފަދަ ވީޑިއޯތަކެސްވެސް މީޑިއާގައި ދައުރުވެފައިވެއެވެ.
އެހެންނަމަވެސް ޕޯޗުގަލް އިން ނައިޖީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ފެނިގެން ނުދަނީ އެ ސަބަބާއި ހެދިއެއް ނޫނެވެ. މެޗަށް ނެގި ސްކޮޑުގައި ރޮނާލްޑޯ ނުހިމެނެނީ، ސިއްހީ ގޮތުން ރޮނާލްޑޯ ބަލިވެ އުޅޭތީކަން ޕޯޗުގަލްގެ ކޯޗު ހާމަކޮށްފައިވެއެވެ. އަދި ރޮނާލްޑޯއަށް އަރާމުކުރުމަށް ފުރުސަތު ދީފައިވާ ކަމަށާއި، ބަލިން އަވަހަށް ރަނގަޅުވުމަށް ފަރުވާ ހޯދަމުންދާކަންވެސް ކޯޗު ސަންޓޯސް ބުނެފައިވެއެވެ.
ޕޯޗުގަލްގެ ހޯސޭ އަލްވަލަޑޭ ސްޓޭޑިއަމުގައި ކުޅުނު މިމެޗުގައި ޕޯޗުގަލްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ހާއްސަކޮށް ޓީމެއްގެ ގޮތުގައި ކުޅެ ހަމަލާތައް އުފައްދަން މަސައްކަތްކުރިކަން ފާހަގަކޮށްލެވެއެވެ.
މުޅި މެޗުގެ 62 އިންސައްތަ ޕޮޒެޝަން ހިފެހެއްޓި ޕޯޗުގަލްގެ ކުޅުންތެރިން ވަނީ މެޗުގައި ޖުމްލަ 15 ހަމަލާއެއް އުފައްދާފައެވެ. ނައިޖީރިއާގެ ކުޅުންތެރިންނަށް އުފެއްދިފައިވަނީ ހަތަރު ހަމަލާއެކެވެ.
މެޗުގައި ޕޯޗުގަލް އިން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައެވެ. ޑިއެގޯ ޑެލޮޓްގެ އެހީތެރިކަމާއެކު މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެރްނާންޑޭޒް އެވެ. އަދި ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް ބްރޫނޯ އެވެ.
މެޗުގައި ޕޯޗުގަލް އިން ތިންވަނަ ލަނޑު އަދި ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން ތިންވަނަ ލަނޑު 82 ވަނަ މިނެޓުގައި ގޮންޒާލޯ ރާމޯސް ކާމިޔާބު ކޮށްދިންއިރު ފަހުލަނޑު އޭގެ ދެމިނެޓުފަހުން ކާމިޔާބު ކޮށްދިނީ ޖާއޮ މާރިއޯ އެވެ.
މިއީ ވޯލްޑް ކަޕުގެ ކުރިން ޕޯޗުގަލް އިން ކުޅެން ތާވަލުކޮށްފައި އޮތް ފަހު މެޗެވެ. ވޯލްޑް ކަޕުގައި އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހުގެރޭ 21:00 ގައި ނުކުންނާނީ ގާނާ އާއި ދެކޮޅަށެވެ.
ޕޯޗުގަލް ހިމެނެނީ މުބާރާތުގެ ގުރޫޕު އެޗް ގައެވެ. ޕޯޗުގަލް އާއި ގާނާގެ އިތުރުން ދެން އެ ގުރޫޕުގައި ހިމެނެނީ އުރުގުއާއި އާއި ސައުތު ކޮރެއާ އެވެ.
ވޯލްޑް ކަޕުގެ އެންމެ ފަހުގެ މައުލޫމާތާއި، މެޗްތައް ކުޅޭ ވަގުތު އެ މެޗުތަކުގެ ލައިވް އަޕްޑޭޓް ލިބުމުގެ އިތުރުން މުބާރާތުގައި ކުޅޭ ކުޅުންތެރިންނާއި އެ ކުޅުންތެރިން ނިސްބަތްވާ ޓީމުތަކުގެ އެންމެފަހުގެ މައުލޫމާތު "ސަން" ގެ "ސަން ވޯލްޑްކަޕް ފޯރި" ޕޭޖުން ބަލާލެވޭނެއެވެ.