07 Apr 2012, 13:21
ނ. ވެލިދޫގައި ބަންނަމުންދިޔަ ސަފާރީ ބޯޓެއް ހުރި ހަރުގެއެއްގައި އަލިފާން ރޯވެ ބޯޓާއެކު އަނދައިފި އެވެ.
އަލިފާނުގެ މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ވެލިދޫގައި ހިނގި އެ ހާދިސާގައި އަލިފާން ރޯވީ ވެލިދޫ ހުޅަނގު ފަރާތުގައި ބަންނަން ފަށާފައިހުރި ބޯޓެއްހުރި ހަރުގެއެއްގައި ކަމަށެވެ. އަދި ބުނީ އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު ބޯޓުގެ ބޮޑު ބަޔަކާއެކު ހަރުގެ އެކަށް އަނދާ ހުލިވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ވެލިދޫން ވާހަކަދެއްކި ބައެއް މީހުން ބުނީ ރޯވި ހަރުގޭގައި ހުރީ މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން ބަންނަން ފެށި ބޯޓެއް ކަމަށާއި އަލިފާން ރޯވިއިރު ބޯޓުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ. ހަރުގެއާ ބޯޓުގައި އަލިފާން ރޯވި ސަބަބު މިހާތަނަށް އެނގިފައި ނުވާ ކަމައްވެސް ބައެއް މީހުން ބުންޏެވެ.
ބޯޓުގެ ވެރިފަރާތާ ހަވާލާދީ އާއިލާގެ މެންބަރަކު ބުނީ އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން ގާތްގަނޑަކަށް ދެ މިލިޔަން ރުފިޔާއާ ގާތް ކުރާނެ ކަމަށާއި އެއީ ބަޔަކު ގަސްދުގައި ދިން ގެއްލުމެއް ކަމަށް ބެލެވޭ ކަމަށެވެ.
"މީގެ ކުރިން ޑިސެމްބަރު މަހުވެސް ބޭބެގެ މަސްދޯންޏަކަށް ވަނީ ގެއްލުން ދީފައި. އެ އިންވެސްޓްމަންޓުގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ކުޑައެއް ނުވާނެ. ބުނެވޭނީ ޓެރެރިސްޓް ހަމަލާއެކޭ އެއީ. މިގޮތަށް ހަމަ ޖެހިޖެހިގެން ހަމަލާދެމުން މި އައީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ބޯޓަކީ 98 ފޫޓެއްހާ ބޮޑު ބޯޓެއް ކަމަށާއި އަލިފާން ރޯވިއިރު ބޯޓުގެ އޮނިގަނޑު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.