19 Nov 2022, 11:23
އިންނަން އުޅުނު ފިރިހެން މީހާގެ ފަރާތުން ކައިވެނީގެ ހަފުލާއަށް ފޮނުވި ހެދުމުގެ އަގުހެޔޮ ވުމުން އަންހެން މީހާ ކައިވެނި ހަފުލާ ކެންސަލު ކޮށްލައިފިއެވެ.
އިންޑިއާގެ އުއްތަރުކަންދުގެ ހަލްދުވާނީގެ އަންހެނަކަށް އޭނާގެ އިންނަން އުޅުނު ފިރިހެން މީހާ، ކައިވެނީގެ ހަފުލާގައި ލައި އުޅޭ ހެދުން ނުވަތަ ލެހެނގާ އަގުބޮޑުކޮށް ގަނެ ނުދިނުމާ ގުޅިގެން ކައިވެނި ރޫޅާލަން ނިންމި މައްސަލަ މިހާރު އުޅެނީ ހޫނުވެގެންނެވެ.
އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓުކުރި ގޮތުން އެ އަންހެން މީހާގެ ކައިވެންޏަށް ފިރިހެން މީހާގެ އާއިލާއިން ފޮނުވި ލެހެނގާގެ އަގަކީ 10،000 ރުޕީސް އެވެ. ނަމަވެސް އެ ލެހެނގާ އަކީ ލަކްނޯ އިން އެ އަންހެން މީހާއަށް ޚާއްސަކޮށް ގަތް އެއްޗެއް ކަމަށް ފިރިހެން މީހާގެ އާއިލާއިން ބުންޏެވެ. އެކަމަކު އޭގެ އަގު ހެޔޮ ކަމުން އެ ލެހެނގާ އަންހެން މީހާއަކަށް ކަމަކު ނުދިޔައެވެ.
ދެމީހުންގެ ކައިވެންޏަކީ އާއިލާއިން ރާވާފައިވާ ކައިވެންޏެކެވެ. އެގޮތުން ޖޫން މަހުގައި ދެމީހުން އެންގޭޖުވި އިރު ކައިވެނި ކުރުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ ކުރީކޮޅަށެވެ.
ބައެއް ރިޕޯޓުތަކުން ބުނާގޮތުގައި އެ މައްސަލަ އެހާ ހިސާބަށް ދިޔުމުން ފިރިހެން މީހާގެ ބައްޕަ އޭނާގެ އޭޓީއެމް ކާޑު ދިނެވެ. އަދި އަމިއްލަ އަށް ބޭނުން ލެހެނގާއެއް ގަތުމަށް އޭނާއަށް އެދުނު ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އެވަރުން ވެސް އަންހެން މީހާ ހިތްހަމަ ނުޖެހިގެން އުޅުނު ކަމަށް މައުލޫމާތު ލިބެއެވެ.
އެ މައްސަލަ އިތުރަށް ހޫނުވެގެން އެންމެފަހުން ދެ އާއިލާގެ ތެރޭގައި ކަންތައް ގޯސްވެ ފުލުހުން ހަރަކާތްތެރިވާން ޖެހޭ ހިސާބަށް ކަންތައް ދިޔައެވެ. އެންމެފަހުން ދެ ފަރާތުން ވެސް އެއްބަސްވީ ކައިވެނި ނުކޮށް އެއްކޮށް ކައިވެނި ރޫޅާލުމަށެވެ.