މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ)ގެ އެންމެ މަގުބޫލު އެއް ސުޕަހީރޯ ކަމަށްވާ ތޯގެ ރޯލުން ދެން އެނބުރި އަންނަން ޖެހޭ ނަމަ އަންނާނީ އެންމެ ފަހު ފަހަރަށް ކަމަށް ކްރިސް ހެމްސްވޯތު ބުނެފިއެވެ.

ތޯ ފްރެންޗައިޒްގެ ތިން ފިލްމު މިހާތަނަށް ނެރެފައިވާއިރު ތޯގެ ކެރެކްޓާ ވަނީ މާވެލްގެ އިތުރު ފިލްމުތަކުން ވެސް ފެނިފައެވެ. އޭގެތެރޭގައި އެވެންޖާސް އާއި ގާޑިއަންސް އޮފް ގެލެކްސީ ސީރީޒް ހިމެނެއެވެ.

މިއަހަރު ތޯގެ ތިންވަނަ ފިލްމު "ލަވް އެންޑް ތަންޑާ" ނެރުނު އިރު އެ ފިލްމަށް ލިބިފައިވަނީ މިކްސްޑް ރިވިއުތަކެކެވެ. ފިލްމު ރިލީޒްކުރުމަށް މަސައްކަތް ކުރަމުން ދިޔަ އިރުވެސް ކްރިސް ބުނަމުން އައީ ތޯގެ ކެރެކްޓަރު ދޫކޮށްލަން ވިސްނުން ހުރި ކަމަށެވެ.

ދާދިފަހުން ވެނިޓީ ފެއާއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކްރިސް ބުނެފައިވަނީ މުޅިން ތަފާތު ކޮންސެޕްޓަކަށް އަދި ރަނގަޅު ޕްލޮޓަކަށް ފިލްމު ތައްޔާރު ކުރާ ނަމަ ތޯގެ ރޯލަށް އެނބުރި އަންނާނެ ކަމަށެވެ.

"ތޯގެ ކެރެކްޓަރު ކުޅެން ލިބޭ ކޮންމެ ފުރުސަތަކީ ވަރަށް ފުރިހަމަ ފުރުސަތެއް. އަދި ކޮންމެ ފަހަރަކު ތަފާތު ކަމެއް ކުރުމަށް ފުރުސަތު ލިބޭތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން،" އޭނާ ބުންޏެވެ.

ކްރިސް ބުނެފައިވަނީ ދެން އިތުރު ފަހަރަކު ތޯގެ ކެރެކްޓަރު އަނބުރާ އަންނަން ވެއްޖެ ނަމަ އެ ވާން ޖެހޭނީ ތޯގެ ވާހަކައިގެ ފިނާލޭ އަށް ކަމަށެވެ. އެނބުރި އެ ރޯލަށް ދެން އާދެވޭނީ ތޯގެ ކެރެކްޓަރަށް އެމްސީޔޫއިން ރަނގަޅު ނިމުމެއް ދިނުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.