18 Nov 2022, 11:53
ހިންދީ ސިނަމާގެ މަޤުބޫލު އެކްޓަރު އިރްފާނު ޚާންގެ ދަރިފުޅު ބަބިލް ޚާން ބޮލީވުޑަށް ތަޢާރަފްވާ ފިލްމު "ގާލާ"ގެ ޓްރެއިލާ ރިލީޒްވުމާއެކު ބަބިލްއަށް ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށްފައެވެ.
ބަބިލް ޚާންގެ އިތުރުން ފިލްމުގައި ފެނިގެންދާ ބަތަލާ ތްރިޕްތީ ދިމްރީގެ އެކްޓިންގް ހުނަރަށް ވެސް ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށްފައެވެ. ފިލްމު "ގާލާ"އަކީ އެމޭޒަން ޕްރައިމްއިން ގެނެސްދިން ކާމިޔާބު ފިލްމު "ބުލްބުލް"ގެ ޑައިރެކްޓަރު އަންވިތާ ދަތް ޑައިރެކްޓްކުރާ ފިލްމެކެވެ.
ސައިކޮލޮޖިކަލް ޑްރާމާއަކަށް ބިނާކޮށްގެން އުފައްދާފައިވާ މިފިލްމުގައި ތްރިޕްތީ ފެނިގެންދާނީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކާމިޔާބު ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. ފިލްމުގެ ވާހަކަ ބަދަލުވެގެންދަނީ ބަބިލް ޚާން ތްރިޕްތީގެ މިއުޒިކީ ކެރިއަރާއިގުޅޭ ހިސާބުންނެވެ.
ފިލްމުގެ ޓްރެއިލާ ބެލި ގިނަބަޔަކު ބުނެފައިވަނީ ބަބިލްގެ އެކްޓިންގްގެ ހުނަރު ޓްރެއިލާއަށް އެކަނި ބަލާލިޔަސް ފުދޭކަމަށެވެ. ހަމައެއާއެކު އެކްޓަރު އިރްފާނު ޚާންގެ ހަނދާންތައް މާބޮޑަށް ވެސް އާވެގެންގޮސްފިކަމަށް އިރުފާނު ޚާންގެ ފޭނުން ވަނީ ބުނެފައެވެ.
ބަބިލްއާއި އިރުފާން ޚާން ވައްތަރުގޮތެއް ހުރުމުންވެސް މިފިލްމު ބެލުމަށް ފޭނުން ވަނީ ކެތްމަދުވެފައެވެ. ދެހާސް ވިހި ވަނަ އަހަރު ކެންސަރު ބަލީގައި އެކްޓަރު އިރުފާނު ޚާނު މަރުވެފައިވާއިރު ބަބިލްޚާން ހިންދީ ސިނަމާއަށް ނުކުތް ދުވަސްވަރަކީ ވަރަށް ހިތްދަތި ދުވަސްވަރެއްކަމަށް ޒުވާން އެކްޓަރުވަނީ ބުނެފައެވެ.
ބައްޕަ އިރުފާނު ޚާންގެ މަރަށް ފަހު ވަރަށް އުނދަގޫ ހިތްދަތި ވަގުތުތައް ދިރިއުޅުމުގައި ދިމާވިކަމަށާއި، ނަމަވެސް އެހުރިހާ ކަމަކާއެކުވެސް މިފިލްމުގެ ޕްރޮޑަކްޝަން ޓީމުން ލިބުނު އެއްބާރުލުމާއި ލޯތްބަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ނެޓްފްލިކްސްގައި ސްޓްރީމްކުރާގޮތަށް ހަމަޖެހިފައިވާ މިފިލްމު ޕްރިމިއާކުރަން ހަމަޖެހިފައިވަނީ ކުރިޔަށްއޮތް ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.