ބ. އަތޮޅު ކެންދޫން ބޯފެން ހުސްވެގެން ބޯފެން ހޯދުމަށް އެ ރަށު ކައުންސިލުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގައި އެދުނުތާ ދެ ހަފުތާ ފަހުން އެ ރަށަށް ބޯފެން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ވަނީ ޅ. ފެލިވަރުން 30 ޓަނުގެ ބޯފެން ބަރުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް ފޯރުކޮށްދީފަ އެވެ.

ކެންދޫ ކައުންސިލްގެ ރައީސް އަބްދުމުހުސިން އަބޫބަކުރު މިއަދު ވިދާޅުވީ ބޯފެން ހުސްވެގެން އެންމެ ފުރަތަމަ އަތޮޅު ކައުންސިލާއި ޑިޒާސްޓާ މެނޭޖްމަންޓާއި ހައުސިން މިނިސްޓްރީގައި އެދިފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް 29,500 ލީޓަރުގެ ފެން ލިބިފައި ވަނީ ފެނަށް އެދުނުތާ 19 ދުވަސް ފަހުން، މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ކެންދުއަކީ މީގެ 11 އަހަރު ކުރިން ވެސް ކެއުން ބުއިމަށް ރަށުގެ ފެން ބޭނުން ނުކުރުމަށް ޕަބްލިކް ހެލްތުން އަންގާފައިވާ ރަށެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އިމަޖެންސީ ހާލަތެއްގައި ވެސް ފެން ލިބުނީ އެހާ ދުވަސްކޮށްފައި. އާއްމު ގޮތެއްގައި ރަށުގެ މީހުން ކެއުން ބުއިމަށް ވެސް ބޭނުން ކުރަނީ ވާރޭ ފެން. ދެން ވާރޭ ނުވެހޭތާ ގިނަ ދުވަސްވެ، ރަށުން 75 ޕަސެންޓް ފެން ހުސްވެގެން ފެނަށް އެދުނީ. ދެން މިއޮތްހާ ދުވަހު ގިނަ މީހުން ކެއްކުމަށާއި ބުއިމަށް ވެސް ބޭނުންކުރީ ވަޅު ފެން ކައްކައިގެން. އެންމެންނަކަށް މިނަރަލް ވޯޓާ އެފޯޑްނުކުރެވޭ،" މުހުސިން ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ރ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްރަށުން ބޯފެން ހުސްވެގެން އެ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމަށް ޑިޒާސްޓާ މެނޭޖްމަންޓުން ރަސްމީ ސިފައެއްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެފެން އެންއެންޑީއެފުން އެ ރަށްރަށަށް ފޯރުކޮށްދެނީ ޑިޒާސްޓާ މެނޭޖްމަންޓުން އަންގާ ދުވަހެއްގައި އަންގާ ރަށަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރޯލަކަށް މި އިންނަނީ އެފެން ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ މީހުން ގޮސް އެ ރަށްރަށުގެ ގޭގޭގެ ތާނގިތަކަށާއި ފެން ފޯރުކޮށްދޭން ޖެހޭ ތަންތަނަށް ފެން މިއަޅައިދެނީ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.