މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި ޓިކްޓޮކް ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ބަންދުގެ މުއްދަތު ޖަހާފައި ހުރި ހުނޫ ދޫކޮށްލާފައި ވަނީ ފުލުހުންނެވެ.

އެ މައްސަލައިގައި ހުނޫގެ އިތުރުން ތިން އަންހެނަކާއި އަށް ފިރިހެނަކު ހައްޔަރުކުރި އިރު އޭގެ ތެރޭގައި ފިލްމީ ތަރި އައިމިނަތު ރިޝްފާއާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ފުލުހެއް ވެސް ހިމެނުނެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ހ. ސޯސަންމަންޒިލް ގެއިންނެވެ. އަދި އެ މީހުން ތިބި ތަނުން އެރޭ ގާތްގަނޑަކަށް އެއް ކިލޯގެ ޕާޓީ ޑްރަގްސް ފެނިފައިވާ ކަމަށް ވެސް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ހުނޫގެ ބަންދަށް ޖެހީ ހަތް ދުވަހެވެ. އޭނާގެ މުއްދަތު ހަމަވާން އޮތީ މާދަމާ ހަވީރެވެ.

ކްރިމިނަލް ކޯޓުން ރިޝްފާގެ ބަންދަށް ފަސް ދުވަސް ޖެހިއިރު، އިއްޔެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

އެ ދެ މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރި ކުރުމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އޭނާއަކީ ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ނަމަވެސް އެ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް އެ ފުލުހަށް ނުވަތަ އެހެންވެސް ފުލުހަކަށް ނޯންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ހުނޫ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވިއެވެ.

އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ހުނޫ ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރު ކުރި ނަމަވެސް ޖުލައި މަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމުގައި އެ ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ. އެއީ ފެނުނު މަސްތުވާތަކެއްޗާ ހުނޫއާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، މިދިޔަ އޮގަސްޓު މަހުގެ 15ގައި އެ ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރާށެވެ. ނަމަވެސް ހުނޫ ބަންދުގައި ބަަހައްޓަން އޭރު ހައި ކޯޓުން އަމުރެއް ނުނެރެއެވެ.