17 Nov 2022, 21:38
ޑްރަގް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ މިއަދު ގާޒީކަމުން ރިޓަޔާކުރައްވައިފިއެވެ.
ފަނޑިޔާރުކަމުގައި ޚިދުމަތްކުރައްވަމުން ގެންދަވާތާ 29 އަހަރު ވެފައިވާ ގާޒީ މުހުތާޒް ރިޓަޔާވީ އަމިއްލައަށް އެދިވަޑައިގެންނެވެ.
މުހުތާޒު ވަނީ ޑުރަގު ކޯޓުގެ އިތުރުން ކުރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. މިގޮތުން ކުރިމިނަލް ކޯޓުގައި ހުންނަވަނިކޮށް 2018 ވަނަ އަހަރު ޑްރަގް ކޯޓަށް މުހުތާޒު ބަދަލު ކުރައްވާފައިވަނީ ސުޕްރީމް ކޯޓުން ބޭނުންވެގެންނެވެ.
ކުރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އަހަރުތަކުގައި މުހުތާޒް ފަހުމީ ވަނީ ފާހަގަކޮށްލެވޭ ބޮޑެތި މައްސަލަތަކެއް ބައްލަވާފައެވެ. މީގެ ތެރޭގައި ވ. އަތޮޅު ރަކީދޫގައި އަނިޔާކޮށް މަރާލި މުޙައްމަދު އިބުތިހާލުގެ މަރުގެ މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ ޚިޔާނާތުގައި ހިމެނޭ ބައެއް މައްސަލަތައް ހިމެނެއެވެ.
މުހުތާޒުގެ އިތުރުން, ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ ވެސް މިއަދު ވަނީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންފައެވެ. އެހެންކަމުން ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ.