ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ހެކިބަސް ދެއްވުމަށް މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ކޯޓަށް ވަޑައިގަތީ ނުހިނގާ ކަމެއް ހިނގި ކަމަށް ދެއްކުމަށް ތައްޔާރުވެގެން ކަމަށް ދައުލަތުން ބުނެފިއެވެ.

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި އޮތީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.

މީގެ ކުރިން ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ, ގ. ދޫވެހީގައި 15 މިލިއަން ރުފިޔާ އަތުން ގުނުމަށް ފަހު، ޔޫސުފް ނައީމްގެ ގެޔަށް ގެންގޮސްދީފައިވާނެ ކަމަށެވެ.

"ދައުވާލިބޭ ދެފަރާތުން ވެސް ހުށަހަޅާފައިވާ ދެ ހެކި އެއީ އަހްމަދު ނަރީޝް އަދި ޢަބްދުالله ރަޝީދުގެ ހެކިބަހާ ގުޅޭ ގޮތުން ބަލާއިރު ދައުވާ ލިބޭ ދެ ފަރާތުން ވެސް ލިޔުމުން ހެކި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައި މިވަނީ ޔޫސުފް ނައީމްއާ ހަވާލުކުރުމަށް ފަނަރަ މިލިއަން ހަތަރު ލައްކަ ވިހި ހާސް ރުފިޔާ ޢަބްދުالله ޔާމީން ހަވާލުކުރީ ޢަބްދުالله ރަޝީދުއާ ކަން. އަދި އަމަލީ ގޮތުން އެ ފައިސާ ޔޫސުފް ނައީމްއާ ހަވާލުކުރީ ވެސް ހުދު ޢަބްދުالله ރަޝީދު ކަމަށް. އަޙްމަދު ނަރީޝް އަކީ މި މުއާމަލާތަށް ހެކިވި ފަރާތް ކަމަށް ލިޔުމުން ދައުވާ ލިބޭ ދެ މީހުން ވެސް ހެކި ހުށަހެޅި ފޯމުގައި ހެކި ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި މިވަނީ," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ނަމަވެސް ޢަބްދުالله ރަޝީދު ދިން ހެކިބަހުން އެނގޭ ގޮތުގައި ހުރިހާ ކަމެއް އިންތިޒާމްކޮށް ރައީސް ޔާމީން އަތުން ފައިސާ ނަގައިގެން ޔޫސުފް ނައީމަށް ގެންގޮސްދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވަނީ ނަރީޝްކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ޢަބްދުالله ރަޝީދުގެ ހެކިބަހުން އެނގޭ ގޮތުން އޭނާ އަކީ އެ މުއާމަލާތަށް ހެކިވާން ހުރި މީހާކަން އެނގެން އޮންނަ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެހެންކަމުން ހެކި ހުށަހެޅި ސަބަބު ކަމަށް ބުނެފައިވާ ކަންކަމާ މުޅިން ފުށުއަރާ ގޮތަކަށް ހެކިވެރިން ހެކިބަސް ދީފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޔޫސުފް ނައީމްއާ ފައިސާ ހަވާލުކޮށްދިނުމަށް ދޫވެއްސަށް އައުމަށް ނަރީޝް އާއި ޢަބްދުالله ރަޝީދަށް ދައުވަތު ދެއްވީ ރައީސް ޔާމީންއެވެ. އެ ދައުވަތު ރައީސް ޔާމީން ދެެއްވީ ފޯނަށް ގުޅުއްވައިގެން ކަމަށް އެ ދެ މީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

"ޔާމީން ފޯނުން ގުޅިއިރު އަޙްމަދު ނަރީޝް ހުރީ އޭނާގެ ގޭގައި ކަމަށް އެއްވެސް ޖެހިލުމެއްނެތި އެ ފެކްޓް ހަނދާން ކުރުމަށް ވަގުތުކޮޅެއް ވެސް ނުނަގާ ވަރަށް ސާބިތުކަމާ އެކު ހެކިބަސް ދެއްވި، ގޭގައި ކަމަށް އެވަގުތު ހުންނެވީ," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ގުޅުއްވުމުން ދޫވެއްސަށް ގޮސް އެ ގޭގެ ސިޓިން ރޫމްގައި ބައްދަލުކޮށް ފައިސާ ހިފައިގެން ޔޫސުފް ނައީމް ދިރިއުޅުއްވާ ގެއަށް ދިޔައީ ނަރީޝްގެ ރައްޓެއްސެއްގެ، އަޅި ކުލައިގެ ކާރެއްގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކާރުގައި އޭނާ އިންނެވީ ކުރީ ސީޓުގައި ކަމަށާއި ޢަބްދުالله ރަޝީދު އިނީ ފަހަތު ސީޓުގައި ކަމަށް ނަރީޝް ވިދާޅުވެފައިވެއެވެ. އަދި ފައިސާ ދަބަސްތައް ހުރީ ކޮން ތަނެއްގައިކަން ވަރަށް ސާބިތުކަމާ އެކު ނަރީޝް ވިދާޅުވެފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

"މިފަދަ ކުދިކުދި ތަފްސީލްތަކަށް ވަރަށް ސާބިތުކަމާ އެކު ޖަވާބު ދެއްވުނުއިރު ދައުލަތުން ސުވާލުކުރި ކްރޮސް އެގްޒަމައިންގައި މި މުއާމަލާތް ކުރީ އެ ދުވަހުގެ ކޮން ވަގުތެއްގައިކަން. ދައުލަތުން ސުވާލުކުރިން ދުވާލުގެ ވަގުތެއް ތޯ ރޭގަނޑުގެ ވަގުތެއް ތޯ," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ނަމަވެސް އެ މުއާމަލާތް ހިންގުމަށް މާލޭގެ މަގުމަތީގައި ތިން ދަތުރު ކޮށްފައިވާއިރު އެކަން ހިންގީ ދުވާލު ކަމެއް ނުވަތަ ރޭގަނޑުކަން ނަރީޝް ހަނދާން ނެތް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި މީގެ ކުރިން ވެސް ރައީސް ޔާމީނާއެކު ފައިސާގެ އެތައް މުއާލަމާތެއް ހިންގި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އޭނާ ހަނދާން ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

"މިކަންކަމުން ކުރެވޭ ދޭހައަކީ ހެކިވެރިޔާ [އަޙްމަދު ނަރީޝް]އަކީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ޝަރީއަތަށް އައި ހެކިވެރިއެއްކަން. މިހެން މި ދަންނަވަނީ ވަރަށް ކުދިކުދި ތަފްސީލްތައް ހަނދުމަ ހުރި. އެހެން ނަމަވެސް ދުވާލުގެ ވަގުތެއްތޯ ރޭނގަނޑުގެ ވަގުތެއްތޯ ސުވާލުކުރުމުން ހަނދާން ނެތް ކަމަށް ޖަވާބު ދެއްވީ," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެހެންކަމުން ނަރީޝްއަކީ ދައުލަތުން ކޮށްފާނެ ކަމަށް އަންދާޒާ ކުރެވޭނެ ސުވާލުތަކަކަށް ޖަވާބު ދެއްވުމަށް، ވަކި ކަމަކަށް ތައްޔާރުވެގެން ހެކިބަސް ދެއްވި ހެކިވެރިއެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ނަރީޝްއާއެކު ހަރަކާތްތެރިވި ޢަބްދުالله ރަޝީދުގެ ހެކިބަހުން ވެސް އެކަހަލަ ކަންކަން ފާހަގަވިކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.