ކުރިއަށް އޮތް ގަތަރު ފީފާ ވޯލްޑްކަޕާ ދިމާކޮށް "ދިރާގު ފުޓުބޯޅަ އީދު"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ދިރާގު އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުން ވަނީ ދިރާގުގެ ވޯލްޑްކަޕް ޕްރޮމޯޝަން ލޯންޗުކޮށްފައެވެ. އެގޮތުން މިފަހަރު ޖުމްލަ ދެ ޕްރޮމޯޝަނެއް ދިރާގު ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާނެއެެވެ.

އެންމެ ފުރަތަމަ ކުރިއަށް ގެންދަނީ "ޖެހީ ލިބުނީ"ގެ ނަމުގައި ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެކެވެ. އެގޮތުން ދިރާގު ވެބްސައިޓުން އެ ކަސްޓަމަރަކު ސަޕޯޓުކުރާ ޓީމެއް ނެގުމުން، އެ ޓީމް ކުޅޭ ކޮންމެ މެޗެއްގައި ޖަހައި ކޮންމެ ގޯލަކަށް ހިލޭ ޖީބީއެއް ލިބޭނެއެވެ.

ހިލޭ ލިބޭ ޑޭޓާ ބޭނުންކުރެވޭނީ ދެ ދުވަހަށެވެ. ޑޭޓާ ލިބޭނީ މެޗު ނިމުނީމައެވެ. އަދި ލިބޭ ޑޭޓާ ދިރާގު އެޕު މެދުވެރިކޮށް އެއް ދުވަސް ތެރޭ ރިޑީމް ކޮށްލުމުން ބޭނުންކުރެވޭނެއެވެ.

އެންމެ ގިނަވެެގެން ކޮންމެ މެޗަކުން ވެސް ލިބޭނީ ފަސް ޖީބީގެ ޑޭޓާއެވެ. އޭގެ މާނައަކީ ސަޕޯޓުކުރާ ޓީމު ފަސް ގޯލަށްވުރެ ގިނަ ގޯލު ޖެހި ނަމަވެސް އޭގެ އިތުރަށް ޖަހާ ގޯލަކަށް ޑޭޓާ ނުލިބޭނެއެވެ.

ހަމައެއާއެކު ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާއަށް 25 ޖީބީގެ ޑޭޓާ އެކްޓިވޭޓްކޮށްގެން އިތުރަށް 100 ޕަސެންޓް ހިލޭ ޑޭޓާ ލިބެއެވެ. އެއީ މެޖިކް ޑޭޓާ ޕްރޮމޯޝަނެވެ.

ދެން ދިރާގުން ތައާރަފްކުރީ "ގެސް ދަ ޕްލޭޔާ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އެއީ ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގައި ކުޅުންތެރިއެއްގެ ފޮޓޯ ދިރާގުގެ ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވެސް ލާނެއެވެ. ކަސްޓަމަރުންނަށް ޖެހޭނީ ކޮމެންޓު ސެކްޝަނުގައި އެއީ ކޮން ކުޅުންތެރިއެއްކަން ލިޔާށެވެ.

ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 3،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ. އެ ވައުޗަރު މެދުވެރިކޮށް ކުޅިވަރާ ގުޅުންހުރި ތަކެތި ހޯދޭނެއެވެ.

އެ ފަސް ހަފުތާ ނިމުމުން އޭގައި ބައިވެރިވި ހުރިހާ އެންމެންގެ މެދުގައި ނަގާ ގުރުއަތަކުން ނަސީބުވެރިއެއް ހޮވާނެއެވެ. އެ ނަސީބުވެރިއަކަށް ޕީއެސް5 އަކާއި ފީފާ 2023ގެ ގޭމް ސީޑީއެއް ލިބޭނެއެެވެ.

ދިރާގުން މިހާރު އަންނަނީ ވޯލްޑް ކަޕްގެ މެޗުތައް ދިރާގު ޓީވީ މެދުވެރިކޮށް ދައްކަން ކުރަންހުރި އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން މިހާރު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއެކު މަަޝްވަރާކުރަމުން އަންނައިރު މަަޝްވަރާ އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ދިރާގުން ބުންޏެވެ.