ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކައުންސިލަރު ކަމަށް އިންތިޚާބުވުމަށް ފަހު ޕާޓީ ބަދަލުކުރުމުން ކައުންސިލަރު ކަމުގެ ގޮނޑި ގެއްލޭގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫގައިވާ މާއްދާ ބާތިލު ކުރުމަށް އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ސ. ހިތަދޫ، ލާމިގޭ މޫސާ އަންވަރު އެވެ. އޭނާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ބުރާސްފަތި ދުވަހު އެވެ.

މުސާ އަންވަރު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ ޕާޓީ ބަދަލުކުރުމުން ކައުންސިލަރު ކަމުން ވަކިވުމަކީ ގާނޫނު އަސާސީ އާއި ޚިލާފު ކަމަކަށްވާތީ ކަމަށެވެ.

"ގާނޫނު ނަންބަރު 2011/2 [ޤާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނު] އަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ގާނޫނަކަށްވާތީ އެޤާނޫނު ބާތިލްކޮށްދިނުން އެދި ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން، ސްޕްރީމް ކޯޓަށް އަޅުގަނޑު މައްސަލަ ހުށަހެޅީ،" މޫސާ އަންވަރު ވިދާޅުވި އެވެ.

މޫސާ އަންވަރު ވިދާޅުވީ ރައްޔިތުން މިނިވަންކަމާއެކު އިޚުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންނަށް ލިބިދީފައި ވާއިރު ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް ޕާޓީއިން ވަކިވުމުން ނުވަތަ ޕާޓީ ބަދަލުކުރުމުން ކައުންސިލަރު ކަމުން ވަކިވާ ގޮތަށް އޮތުމަކީ އެ މާއްދާއާއި ޚިލާފު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށް ވެސް އެމީހަކަށް އެވަގުތަކު ކަމުދާ ކޮންމެ ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމުގެ ހައްގާއި، އެއްޕާޓީއިން ވަކިވެ އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ލިބިފައިވާއިރު ކައުންސިލަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އެގާނޫނުގައި އޮތުމަކީ އެ މާއްދާއިން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ހަނިވެގެންދާ ކަމެއް ކަމަށެވެ.

އިންތިޚާބުވެފައިވާ ޕާޓީ ބަދަލުކޮށްފިނަމަ ކައުންސިލަރު ކަމުން ވަކިވާގޮތަށް ލާމުރުކަޒީ ގާނޫނު ބަދަލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމުން ނެވެ.

އެގާނޫނު އެގޮތަށް ބަދަލުކޮށްފައި ވަނިކޮށް ފިއްލަދޫ ކައުންސިލްގެ ޑީއާރްޕީގެ މެންބަރު އާދަމް އިނާޒު އެމްޑީޕީއަށް ސޮއިކުރުމުން އޭނާ ކައުންސިލަރު ކަމުން ވަކިކޮށް އެދާއިރާގެ ބައި އިލެކްޝަން ވަނީ ބާއްވާފައެވެ.

އަދި މާފަރު ކައުންސިލްގެ އެމްޑީޕީ މެންބަރު އަންވަރު އަބްދުލް ޣަނީ އެ ޕާޓީން ވަކިކުރުމުން އެ ކައުންސިލްގެ ބައި އިލެކްޝަން ވެސް ވަނީ އިއުލާންކޮށްފައެވެ.