17 Nov 2022, 15:06
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ދިފާއުން ހުށަހެޅި ހެކި ނަފީ ކުރުމަށް ދައުލަތުން ފަހުން ހުށަހެޅި ހެކިތައް ބަލައިގަތުމަށް ނިންމައިފިއެވެ.
އެ މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
ދައުލަތުގެ ފަރާތުން އިތުރު ހެކި ނުވަތަ ލިޔުންތައް ހުށަހަޅަން ޖެހުނީ ދިފާއުން ހުށަހެޅި ބައެއް ހެކިވެރިން ހެކިބަސް ދިން ގޮތުން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޔާމީންގެ ދިފާއުގައި ހެކިބަސް ދީފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު ޒުހޫރުގެ އިތުރުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއެވެ.
ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަންނަން ނިންމާފައިވާ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.
މިއަދު 1:30 ހާއިރު ފެށި އެ އަޑުއެހުމުގައި ދިފާއުން ވަނީ އެ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް އެދިވަޑައިގަނެފައެވެ. ނަމަވެސް އެ ފުރުސަތު މިއަދުގެ އަޑުއެހުމުގައި ނުދެއްވާ ޝަރީއަތުން ނިންމީ ކުރިން ވެސް ނިންމާފައިވާ ގޮތަށް ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ.
ލިޔުންތައް ބަލައިގަންނަން ނުވަތަ ބަލައި ނުގަންނަން ނިންމި ނަމަވެސް ދެ ފަރާތުން ވެސް ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތައްޔާރުވެގެން ވަޑައިގަތުމަށް ގާޒީ ވަނީ މީގެ ކުރީގެ އަޑުއެހުމުގައި ވެސް ދަންނަވާފައެވެ.