މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލް އިތުރު އިސްލާހަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

މި ބިލް ފާސްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ކޯލިޝަނުން ވަނީ މިކަމަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާކަން ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. އަދި، ބިލް ތަސްދީގުކުރުމުގެ ކުރިން ރިއާޔަތްކުރަން ހުރި މުހިންމު ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ބިލް އަލުން މަޖިލީހަށް ފޮނުވުމަށްވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިއުވާން ވިދާޅުވީ، ޖީއެސްޓީ ބޮޑުކުރަން ފާސްކުރި ބިލް ރައީސް ޞާލިޙް ތަސްދީގުކުރައްވާނެ ކަމަށާއި، އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ.

"މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާނެ. އިތުރަކަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ގޮތަކަށް ނޫން އޮތީކީ. ދެން ކޮންމެ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުނީމަ ރަނގަޅަށް ބައްލަވާފަ ތަސްދީގުކުރައްވާނީ،" މިއުވާން ވިދާޅުވިއެވެ.

ބޮޑު ކޯޅުންގަނޑަކަށްފަހު އިއްޔެގެ ޖަލްސާގައި ބިލްގެ ވޯޓަށް އަހާފައިވާއިރު، ބިލް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 88 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ބިލް ފާސްކޮށްފައި މިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް ދެ ދުވަހެއްގެ މަތިން ތާވަލް ކުރުމަށް ފަހު އެކަން ނުކުރުމުން އެމްޑީޕީގެ ބައެއް މެމްބަރުން އެކަން ރައީސްގެ ސަމާލުކަމަށް ވެސް ގެނައުމަށް ފަހުއެވެ.